އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމަށް ނިންމި ނިންމުމަށް ޢަމަލުކުރުން ފަސްކުރުމަށް އަންގާ ސިވިލް ކޯޓުން ވަގުތީއަމުރެއް ނެރެފިއެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ ބާޠިލްކުރުމަށް ސިޓީ ކައުންސިލުން ނިންމީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް ސިޓީ ކައުންސިލުގެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅުއްވައި އެނިންމުން ބާޠިލުކޮށްދެއްވުމަށް އެދި ސިވިލް ކޯޓަށާއި އެލް.ޖީ.އޭއަށް އެޗްޑީސީން ވަނީ މައްސަލަ ހުށަހަޅާފައެވެ.

އެޗްޑީސީން ހުށަހެޅި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނީ ސިޓީ ކައުންސިލްގެ ނިންމުމަށް ޢަމަލުކުރަން ފަސްކޮށް، ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒްކުރުމަށް ދަޢުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް މަސައްކަތެއް ނުކުރުމަށެވެ.

ސިވިލް ކޯޓުގެ އަމުރުގައި ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން އެޗްޑީސީއަށް ލިބޭ އެންމެހާ ޤާނޫނީ ޙައްޤުތަކާ، ބިމާ ގުޅިގެން ކުރަމުންއައި އެންމެހައި ކަންކަމާއި، ހުޅުމާލެ ތަރައްޤީކުރުމާއި ބެލެހެއްޓުމުގެ ގޮތުން އެޗްޑީސީން ކުރަމުން އައި ކަންކަމަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށްވެސް ވަނީ އަންގާފައެވެ. އަދި އެފަދަ ޢަމަލެއް ކުރަމުންދާނަމަ އެކަން ހުއްޓުވައި ދިނުމަށް ދަޢުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށްވެސް ސިވިލްކޯޓުން އަމުރުކޮށްފައިވެއެވެ.

ހުޅުމާލޭ ރަޖިސްޓްރީގެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ ނިންމުން މަޑުޖައްސާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިންވެސް ވަނީ އަންގާފައެވެ. އަދި އެއީ ގާނޫނީގޮތުން ސިޓީ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫންކަމަށްވެސް އެލްޖީއޭއިން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު