ހުޅުމާލޭގައި ސަރުކާރުން ކުރިއަށްގެންދަން ހަމަޖެހިފައިވާ 4000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަޝްރޫއަށް ބޭނުންވާ އެޑްވާންސް ފައިސާ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައެވެ.

ސަރުކާރުން ބުނީ 4000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތްތައް ފެށުމުގެ މަސައްކަތަށް އިންޑިއާގެ އެގްޒިމް ބޭންކުން 34 މިލިއަން ޑޮލަރުގެ އެޑްވާންސް ޕޭމަންޓް މިހާރު ދޫކޮށްފައިވާކަމަށެވެ.

އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަށް ފަންޑް ހޯދުމަށް އިންޑިއާގެ އެގްޒިމް ބޭންކާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަނުން ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ. އެން.ބީ.ސީ.ސީ (އިންޑިއާ) ލިމިޓެޑާއެކު ސޮއިކޮށްފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ 2000 ސޯޝަލް ހައުސިންގ ޔުނިޓާއި، ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑާއެކު ސޮއިކޮށްފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ 2000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަސައްކަތަށް 116.45 މިލިއަން ޑޮލަރުގެ ލޯނަކާއި 110.5 މިލިއަން ޑޮލަރުގެ ލޯނެއް އެގްޒިމް ބޭންކުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން ބުނީ މި ހައުސިންގ ޔުނިޓްތަކުގެ އާކިޓެކްޗަރަލް ޑިޒައިންތައް ފައިނަލް ކުރުމުގެ މަސައްކަތް ދިވެހި ސަރުކާރާއެކު ކޮންޓްރެކްޓަރުން އަންނަނީ ކުރަމުންކަމަށެވެ. އަދި ފްލެޓްތައް ޑިޒައިންކުރުމުގައި ޖާގައިގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެތައް ގުނައެއް އިތުރަށް ރަނގަޅު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭނެކަން އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

މި 2 މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭނީ 2 ކޮޓަރިއާއި 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެވެ. އޭގެ ތެރޭގައި 3 ކޮޓަރިއާއި 3 ފާޚާނާ ހިމެނޭ 2800 އެޕާޓްމަންޓާއި، 2 ކޮޓަރިއާއި 2 ފާޚަނާ ހިމެނޭ 1200 އެޕާޓްމަންޓް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު