އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމަށް އަމަލު ނުކުރާނެ ކަމަށް ބުނެ އެ ނިއްމުމާއި އެސްކޫލްގެ ބެލެނިވެރިން ހިމެނޭ ޖަމިއްޔާ ޕީޓީއޭއިން ދެކޮޅު ހަދައިފިއެވެ.

އަރަބިއްޔާ ސްކޫލްގެ ޕީޓީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ޙައްޤަށް ހުރަސް އެޅި، އެކުދިންގެ ޢަރަބި އިސްލާމީ މަންޙަޖުގެ ތަޢުލީމު އެކީއެކަށް ފުނޑުފުނޑު ވެގެން ދާނެހެން އެޑިއުކޭޝަނުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި ޢިބާރާތުންކުށްވެރި ކުރާ ކަމަށެވެ. އަރަބިއްޔާގެ ބެލެނިވެރިން ނެރުނު ބަޔާނުގައި ބުނީ އެއީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ނިންމެވުމެއް ނޫންކަމަށާއި، އެފަދަ އަނިޔާވެރި، ބޭއިންސާފު ނިންމެވުމަކަށް ކިޔަމަންވެ އެބެލެނިވެރިންގެ ޅަދަރިންގެ ޢަރަބި އިސްލާމީ ތަޢުލީމު ފަނާވެ ދިއުމަށް ޖާގަ ދެވެން ނެތް ކަމަށެވެ. އެހެންކަމުން އެނިންމެވުމާ އެއްގޮތަށް ޢަމަލު ކުރެވެން ނެތް ކަމަށް ބަޔާނުގައިވެެއެެވެ.

ޕީޓީއޭގެ ބަޔާނުގައި ބުނީ ޢިއްޒުންދީން ސްކޫލަށް ޢަރަބިއްޔާގެ ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ، ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމަށާއި، އެކަން އެހެން ކޮށްފިނަމަ ދަރިވަރުންގެ ކިޔެވުމަށާއި ސުލޫކަށާއި އެންމެހާ ކަންކަމަށް ބޮޑެތި ނުރައްކަލާއި ފޫ ނުބެއްދޭ ވަރުގެ ގިނަގުނަ ގެއްލުންތައް ވާނެކަމަށް ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާއި މެނޭޖްމަންޓުގެ ފުރިހަމަ އިއްތިފާޤުން އެއްބަސްވެވިފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމަވާފައިވާ ގޮތަށް، ޢިއްޒުއްދީން ސްކޫލުގެ ޢިމާރާތަށް ޢަރައްބިއްޔާގެ އެއްވެސް ދަރިވަރަކު ކިޔަވަން ގެންދެވެން ނެތް ކަމަށާއި، މި މައްސަލައަށް ހަމައެކަނި އޮތް ޙައްލަކީ، ޢަރަބިއްޔާގެ ދަރިވަރުންނާއެކު އެހެން އެއްވެސް ސްކޫލެއްގެ ދަރިވަރުން މައްސުނި ނުވާނެހެން، މާލޭގައި ހުރި އެތައް ބައިވަރު ބިންތަކާއި ޢިމާރާތްތަކުން ކޮންމެވެސް އެއް ތަނެއްގައި، ޢަރަބިއްޔާ ސްކޫލު ވަގުތީ ގޮތުން ނަމަވެސް ހިންގޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުން ކަމަށް ބެލެނިވެރިން ބުނެ އެވެ.

މީގެ އިތުރުން ޢިއްޒުންދީނަށް ބަދަލުވުމުގައި ހުރި ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތައް ތަފްސީލްކޮށް މިކަމުގައި ރަނގަޅު ޙައްލަކަށް ވާޞިލު ވެވޭތޯ، ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާ ބައްދަލުވުމެއް ހަމަޖައްސަވައި ދެއްވުން އެދި ސިޓީ ލައިގެން އޭގެ ޖަވާބު ނުލިބި ލަސްވާތީ ދެވަނަ ސިޓީއެއް ރައީސަށް އެރުވުމުން ވެސް އެއަށް ޖަވާބެއް ނުދެއްވައި، ދެން ފެނުނީ ޢަރަބިއްޔާގެ ދަރިވަރުންނާއި ޢިއްޒުއްދީން ސްކޫލުގެ ދަރިވަރުން އެއް ޢިމާރާތެއްގައި، އެއް ވަގުތެއްގައި ކިޔަވާ ގޮތަށް އެޑިއުކޭޝަނުން ނިންމެވި ކަމުގެ ބަޔާން ޢާއްމު ކުރެއްވި ތަން ކަމަށް ބަޔާނުގައިވެއެވެެ.

އަރަބިއްޔާގެ ފުރަތަމަ ޓާމްގެ މިޑް ބްރޭކަށް ފަހު އަލުން ސްކޫލްތައް ހުޅުވާއިރު އަރަބިއްޔާގެ ދަރިވަރުންނަށް އިއްޒުއްދީން ސްކޫލްގައި ކިޔަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ނިއްމާފައެވެ. މިނިސްޓްރީން ބުނީ އަރަބިއްޔާގެ ޢިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށާއި ނަމަވެސް މިފަދަ ޙައްލެއް ހޯދެންދެންވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ އެންމެންގެ މައްޗަށްލާޒިމުކަމެއްކަމަށެވެ.

"700 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ސުކޫލެއް ހިންގުމަށް ޢިމާރާތްކޮށްފައިހުރި ތަނެއްގައި. އަދި މިފަދަ ޢިމާރާތަކީ ކިޔަވައިދިނުމަށް ޚާއްޞަކޮށް ފަރުމާ ކުރެވި އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެވިފައިވާތަނަކަށްވާން ޖެހޭ." ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު