މާލޭގައި މިއަދު ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލާފައި ނުވާ ކަމަށާއި އެއީ އެމީހާ އަމިއްލަ އަތުން ލިބުނު އަނިޔާތަކެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭގެ މެހެލިގޯޅި ތެރޭގައި މިއަދު ހެނދުނު މާރާމާރީ ހިންގުމަށްފަހު މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށް ބުނާ އެ މައްސަލައިގެ ރިޕޯޓް ލިބުނީ ހެނދުނު 8:20 ހާއިރު ކަމަށް ބުނެ ފުލުހުން ވަނީ މީޑިޔާ ތަަކަށް މައުލޫމާތު ދީފައެެވެ. އެހެން ނަމަވެސް ފުލުހުން މީގެ އިރުކޮޅެެއް ކުރިން މީޑިޔާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެއީ އެމީހާއަށް މީހަކު ދިން ހަމަލާއެއް ނޫން ކަމަށެވެ. މިހާތަނަށް މި މައްސަލަ ތަހުގީގުކުރި ކުރުމުން، އެ އަނިޔާ އަކީ އެމީހާ ގެންގުޅުނު އެއްޗަކުން އެ މީހާއަށް ލިބުނު އަނިޔާތަކެއްކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ އަނިޔާތައް އޭނާއަށް ލިބުނީ ކިހިނެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މިހާދިސާގައި ވަރަށް ބޮޑަށް ޒަހަމްވެފައި ވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އޭނާ އަށް އޭޑީކޭގައި ފަރުވާ ދެމުންދާއިރު ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެެވެ. ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެ ހާދިސާ ހިނގި ތަނުގައި ލޭގެ ކޯރެއް ވަނީ އުފެދިފައެވެ. ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު