އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ފަރާތުން ބާއްވާ އެއްވެސް ހަރަކާތެއްގެ ތެރެއިން ނާތަހުޒީބު އަމަލެއް ނުފެންނާނެކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ، ޕީޕީއެމްގެ ޒުވާނުން އިސް ނަގައިގެން މިއަދު ބާއްވަން މަސައްކަތްކުރި ސައިކަލު ބުރުގެ ތެރެއިން ހަމަނުޖެހުން ހިންގަން އުޅޭކަމަށް ބުނެ، އެ ސައިކަލް ބުރު ކުރިއަށްނުގެންދެވޭނެކަމަށް ފުލުހުން ބުނުމާއި ގުޅިގެނެވެ.

ކ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތުލުސްދޫއަށް މިއަދު ހަވީރު ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުން މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަންތަނަށް ގެއްލުންދިނުމުގެ އަމަލުތައް ހިންގިކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ވެރިކަން ނިމި 3 އަހަރު ވެގެންދިޔައިރުވެސް ޕީޕީއެމްގެ ފަރާތުން އެފަދަ އެއްވެސް އަމަލެއް ފެނިފައި ނޯންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފަރާތުން ނާތަހުޒީބު އަމަލެއް ނުފެންނާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މިއަދުގެ ވާހަކަފުޅުގައި ވަނީ އިންޑިއާ މިލިޓަރީ ރާއްޖޭގައި ތިބުމާއި ދެކޮޅަށް ދައްކާ ވާހަކަތައް ތަކުރާރުކުރައްވާފައެވެ. އަދި ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓުން އެމަނިކުފާނުވެސް އިންޑިއާ މިލިޓަރީ ރާއްޖޭގައި ތިބެން ބޭނުންނުވާކަން ހާމަވާކަމަށް ރައީސް ޔާމީން ވިދާާޅުވިއެވެ.

"ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އައުޓް ނުގޮވޭނެއޭ.. އެކަމަކު އިންޑިއާ މިލިޓަރީ އައުޓް ގޮވޭނެއޭ.. ރައީސް ނަޝީދުވެސް ބޭނުންފުޅެއް ނުވޭ އިންޑިއާ މިލިޓަރީ ރާއްޖޭގައި އޮންނާކަށް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ޤާނޫނާއި ހިލާފު އަމުރުތަކަށް ތަބާނުވުމަށް ސަލާމަތީ ހިދުމަތްތަކަށް ގޮވާލެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލަށް ގެންދިޔަޔަސް، ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށްޓަަކައި ކުރަށްވާ މަސައްކަތެއް ނުހުއްޓުވޭނެކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ ވިންދާއި އިހުސާސްތަކާއި ގުޅިފައިވާ މައްސަލައެއްކަމަށެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕީޕީއެމުން އިންތިޒާމްކޮށްގެން މިއަދު މާލޭގެ މަގުތަކުގައި ބޭއްވުމަށް ރާވާފައިވާ އުޅަނދުބުރުގައި ހަމަނުޖެހުން ހިންގަން ރާވަމުންދާކަމުގެ މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިފައިވާކަމަށެވެ. އަދި މިފަދަ ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއްކަމުގައި ދެކޭކަމަށާއި، އެހެންކަމުން، އާންމު މަސްލަހަލު ހިމާޔަތްކޮށް، އެއްވުންތަކުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން، ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނީ ޒިންމާއެއްކަމަށް ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު