ރ. އުނގޫފާރުގައި ޢިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒު މިއަދު ހުޅުވައިފިއެވެ.

ދިވެހި ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ޚަރުދުކޮށްގެން، ޢިމާރާތްކޮށްފައިވާ އުނގޫފާރު އިސްލާމީ މަރުކަޒު (މަސްޖިދު އައްދުކްތޫރު އަފްރާޝިމް ޢަލީ) ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

އިސްލާމީ ތަޢުލީމް ދޭ މަރުކަޒެއް ބިނާކުރުމުގެ މަޤްޞަދުގައި ޢިމާރާތްކޮށްފައިވާ މި މިސްކިތުގައި 4 ކުލާސް ރޫމް، ލައިބްރަރީ، ޕޭންޓްރީ، އެޑްމިން އޮފީސް، އަދި ޖަލްސާކުރާ ހޯލެއް ހިމެނެއެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ މި މިސްކިތުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވާ 5380 އަކަފޫޓު ސަރަޙައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެއެވެ. ހަމައެހެންމެ މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި ނަމާދު ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.



މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުރީގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ޝާހިދެވެ. އެއީ 02 މާރިޗު 2017 ވަނަ ދުވަހުއެވެ. މިސްކިތް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 02 މާރިޗު 2017 ގައެވެ. އަދި މަރުކަޒުގެ މަސައްކަތް ނިމިފައިވަނީ 10 ޖަނަވަރީ 2020 ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު