އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ހިންގާ އިންޑިޔާ އައުޓަކީ ބިދޭސީ ޑްރަގް ނެޓްވޯކް ތަކާއި ގުޅިގެން ވެރިކަން ބަދަލުކުރުމަށް ހިންގާ ހަރާކާތެއް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ސިފަކުރައްވައިފިއެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބޮންޑެ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބުދު ﷲ ޔާމިން އިސްވެ ހުންނަވައިގެން އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލާ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާއި ގުޅިގެންނެެވެ. އިންޑިޔާ އައުޓްގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު މާލޭގައި ޒުވާނުން އިސްނަގައިގެން ބާއްވަން އުޅުނު ސައިކަލު ބުރު ފުލުހުން ބާރުގެ ބޭނުންކޮށްގެން ހުއްޓުވާފައިވާއިރު، އިންޑިޔާ އައުޓް ކެމްޕޭނަށް ރައީސް ޔާމިން މިއަދު ވަނީ ތުލުސްދޫއަށް ވަޑައިގެންފައެެވެ.

އެކަމަށް އިޝާރަތް ކުރައްވައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، އެ ހަރަކާތަކީ ‏ބިދޭސީ ޑްރަގް ނެޓްވޯކްތަކާ ގުޅިގެން ވެރިކަން ބަދަލުކުރާން ހިންގާ ހަރަކާތެެއް ކަމަށާއި، އެއީ ޑިމޮކްރެޓިކް ހަރަކާތެއްނޫން ކަމަށެވެ. އެ ހަރަކާތަކީގައުމަށް ނިކަމެތިކަން ލިބޭނެ ފަނާކުރަނިވި ހަރަކާތެއް ކަން ބޮންޑެ ވަނީ ސިފަ ކުރައްވާފައެވެ.



"އިންޑިޔާ ކަނޑުގައި ޑްރަގް އޮއިވާލި ގިނަކުރަން ފުރުސަތެއް ނުދެވޭނެ! ހުއްޓުވަންޖެހޭ!" ބޮންޑެ ވިދާޅުވިއެެވެ.

ބޮންޑެ މިހެން ވިދާޅުވެފައިވާއިރު، އިންޑިޔާ އައުޓް ކެމްޕޭނާއި ގުޅޭގޮތުން ރައީސް ސޯލިހް ވެސް ވަނީ އެ މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، ރާއްޖޭގެ މިިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަކީ މަސްދޯނިފަހަރަށްވުރެ ޑްރަގު ބޯޓް ފަހަރު ގިނަވާން ދޫކޮށްލުން ނޫން ކަމަށެވެ. އަދި އެކަން ކުރަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑު ސަރަހައްދު އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިން ރުހޭނެ ކަމެއް ނޫން ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު