އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ހައްގުގައި ކުރާ މަސައްކަތް ނުހުއްޓުވޭނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް ނިންމުމާއި ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޑރ. އިޔާޒު ވިދާޅުވީ ‏ޢަރަބިއްޔާ މައްސަލައަށް ފަސްއަޅާ ފޮރުވުމަށްޓަކައި ބަޔަކު މީހުން ސިއްރު އެޖެންޓުން މެދުވެރިކޮށް ހަޑިހުތުރު އިލްޒާމުތައް އަޅަވަމުންދާކަމަށެވެ. ނަމަވެސް އެމަސައްކަތް ﷲގެ އިރާދަފުޅާއެކު ދާނީ ކުރިއަށްކަމަށާއި ދަރިވަރުންގެ ޙައްޤު ހޯދައިދިނުމަށް ކުރަށްވާ މަސައްކަތް ނުހުއްޓުވޭނެކަމަށް އިޔާޒު ވިދާޅުވިއެވެ.





އަރަބިއްޔާ ސްކޫލްގެ އިމާރާތް ބާވެ، ނުރައްކާތެރި ހިސާބަކަށް ދިއުމުން ސަރުކާރުން ވަނީ އަރަބިއްޔާ ސްކޫލްގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައެވެ. ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން ވަނީ އެކަމާއި ދެކޮޅު ހަދައި، އިއްޔެ މުޒާހަރާވެސް ކޮށްފައެވެ.

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ބުނާގޮތުން އިއްޒުދީން ސްކޫލާއި، އަރަބިއްޔާ ސްކޫލަކީ ދެ މީޑިއަމަކަށް ކިޔަވައިދެމުންދާ ސްކޫލް ތަކަށް ވާއިރު، އަރަބިއްޔާ ދަރިވަރުންނަށް އިއްޒުއްދީން ސްކޫލުގައި ކިޔަވަން އުނދަގޫތަކާއި ކުރިމަތިވާނެއެވެ. އަދި އެ ސްކޫލްގައި އަރަބިއްޔާ ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ކިޔަވައިދޭނެ ޖާގައެއްވެސް ނުހުންނާނެ ކަމަށް ބެލެނެވެރިން ބުނެއެވެ.

އަރަބިއްޔާ ސްކޫލްގެ ބެލެނެވެރިންނާއި ޕީޓީއޭއިން ވަނީ އަންނަ އާދީއްތަ ދުވަހު ރައީސް އޮފީހަށް ދިއުމަށް ވެސް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު