އުލިގަމަށް ބަނދަރުކުރާ ޔޮޓްތަކުން ނަގާ ފީ ކުޑަކުރުމުގެ ނަތީޖާ ފެންނަމުންދާކަމަށް ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

އުލިގަމަށް އަންނަ ޔޮޓްތަކުން ނަގާ ފީ ބޮޑުވުމާއި ގުޅިގެން އެ ރަށަށް ބަނދަރުކުރާ ޔޮޓްތައް މަދުވުމުގެ މައްސަލަ އޮތީ މި ސަރުކާރު އައިއިރު ކުރިމަތިވެފައެވެ. އެކަމަށް ހައްލެއް ހޯދުމަށްޓަކާ ސަރުކާރުން އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކޮށް، ފީތައް ވަނީ ކުޑަކޮށްފައެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު ސަލީމް ވިދާޅުވީ އުލިގަމުގައި ބަނދަރު ކުރާ ޔޮޓް ފަހަރުން ނަގާ ފީ ކުޑަ ކުރުމުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުންކަމަށެވެ. އަދި ރައްޔިތުންގެ ލާބައަށް ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުގެ ކާމިޔާބުކަން ދަނީ ފެންނަމުންކަމަށް ސަލީމް ވިދާޅުވިއެވެ.



ޔޮޓް ފަހަރުން ނަގާ ފީގެ އިތުރުން ހއ. އުލިގަމުގައި ކަސްޓަމްސްގެ އޮފީސް އިމާރާތެއްވެސް ސަރުކާރުން ވަނީ މިއަހަރު ހުޅުވާފައެވެ.

އުލިގަމު ކަސްޓަމްސް އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އުލިގަމަށް ބަނދަރުކުރާ ޔޮޓުފަހަރުން ނަގާ ފީތައް، ކަސްޓަމްސްއިން އިސް ނަގައިގެން ކުޑަ ކުރުމުން އެ ރަށަށް ވަންނަ ޔޮޓްތައް އިތުރުވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ރަށަށް އެކި ގޮތްގޮތުން ފައިދާ ލިބޭ ކަމަށެވެ.

ކަސްޓަމްސް އިން ބުނާގޮތުން ކަސްޓަމްސް އިމާރާތް ހުޅުވުމުން، އުލިގަމުގައި ސަރުކާރުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ޔޮޓް މެރީނާ ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ކުރުމަށް މަގުފަހިވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު