ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަންނަ އަހަރު ރާއްޖެއިން ބޭރުގެ 60 އަށްވުރެ ގިނަ ފެއާރގައި ބައިވެރިވާން ނިންމާފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ.

އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މިއަހަރުވެސް ބައިނަލްއަޤްވާމީ ގިނަ ފެއަރތަކާއި ރޯޑްޝޯތައް އަދި ވަރޗުއަލް އިވެންޓްތަކުގައި ބައިވެރިވިކަމަށެވެ. އެގޮތުން މިއަހަރު 40 އަށްވުރެ ގިނަ ފެއަރގައި އެ ކުންފުނިން ވަނީ ރާއްޖެ އިސްތިހާރުކޮށްފައިކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނީ އަންނަ އަހަރުވެސް އެމްއެމްޕީއާރުސީން ބައިނަލްއަޤްވާމީ ގިނަ ފެއަރތަކާއި، ރޯޑްޝޯތައް އަދި އިވެންޓްތަކުގައި ބައިވެރިވާނޭކަމަށެވެ. އެގޮތުން އަންނަ އަހަރު 60 އަށްވުރެ ގިނަ ހަރަކާތުގައި ބައިވެރިވާނެކަން އެ ކުންފުނިން މިހާރު ވަނީ ހާމަކޮށްފައެވެ. އަދި މީގެ އިތުރުންވެސް ވަރޗުއަލްކޮށް ގިނަ ހަރަކާތްތަކެއްގައި އެ ކުންފުނިން އަންނަ އަހަރު ބައިވެރިވާނެއެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 149.3 އިންސައްތަ އިތުރު އަދަދެކެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އެންމެ އަޑިއަޅާލާފައިވާ ވަގުތުގައިވެސް އެމްއެމްޕީއާރުސީން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެކަމުގެ ނަތީޖާވެސް ފެންނަމުންދާކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު