އެމްޑަބްލިޔުއެސްސީން މަސައްކަތްތައް ކުރިއަށްގެންދަނީ ރައްޔިތުންގެ އިތުބާރު ލިބޭފަދަ ގޮތަކަށްކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާޅުވީ ޅ. އަތޮޅު އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ކޯވިޑާއި ގުޅިގެން ރަށްރަށުގައި ފެށުމަށް ހަމަޖެހުނު މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ލަސްތަކެއް ކުރިމަތިވިކަމަށެވެ. ނަމަވެސް މިހާރު އަލުން މަސައްކަތްތައް ފަށައިގެން ކުރިއަށްދާއިރު ރައްޔިތުންނަށް އިތުބާރުލިބޭފަދަގޮތަކަށް އަވަަހަށް މަސައްކަތް ނިންމާލުމަކީ އެކުންފުނީގެ އަމާޒުކަމުގައި ޝާހް ވިދާޅުވިއެވެ.

ޅ. އަތޮޅު އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމާއި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހާއި ޅ. އަތޮޅި ކައުންސިލްގެ ރައީސް ޔާސީން ޢަބްދުﷲއާއި އޮޅުވެލިފުށީ ކައުންސިލްގެ ރައީސް މުހައްމަދު ޢާޡިމެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމު ޤާއިމް ކުރުރުމުގެ މަސައްކަތުގެ ދަށުން އޮޅުވެލިފުށީގައި 9.71 ކިލޯ މީޓަރުގެ ދިގު ފެފެން ހޮޅީގެ މައި ނެޓްވޯކެއް އަޅާނެއެވެ. އަދި ފެންއުފެއްދުމަށް 2 އާރްއޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެ ޕްލާންޓްތައް ބަހައްޓާ އާރުއޯ ބިލްޑިންގްގެ %45 މަސައްކަތް ނިމިފައިވާކަމަށް އެމްޑަބްލިއު އެސްސީއިން ވިދާޅުވެއެވެ.

މީގެ އިތުރުން މިމަސައްކަތުގެ ދަށުން މިޕްލާންޓްތަކުން އުފައްދާ ފެން ރައްކާރުރުމަށް 3 ތާނގީ ބަހައްޓައި ގޭގޭގައި ފެން މީޓަރުތައް ހަރުކޮށް ފެނުގެ ކަނެކްޝަން ގުޅައިދީ މިގެތެކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން އޮޅުވެލިފުށީގައި 6.56 ކިލޯމީޓަޓުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 1.60 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއް އަޅައި އިދާރީ ބިލްޑިންގް އިމާރާތް ކުރުން ހިމެނެއެވެ. އަދި 4 ޕަންޕިން ސްޓޭޝަން ރަށުގެ އެކިސަރަހައްދުތަކުގައި ބަހައްޓާ ނަޖިސް ބޭރުކުރުމަށް 1 ސީ އައުޓް ފްލޯ މިމަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެއެވެ.

މިމަޝްރޫޢަކީ މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކަޗަރއިން 80 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.



ކިޔުންތެރިންގެ ހިޔާލު