ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މަސައްކަތް ކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެެއް ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ރައީސް ޔާމީން ވާދަކުރައްވަން ޝައުގުވެރިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިއަދު ވަނީ އަޑުތަކެއް ފެތުރިފައެވެ. ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެ ކޯލިޝަންގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމިން ބައި އިލެކްޝަންގައި ވާދަކުރަށްވަން ނިންމަވާފައިނުވާ ކަމަށާއި، އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ގޮނޑި ހުސްވުމުންނެެވެ. އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ބައި އިލެކްޝަންގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓް ފަހުން ކަމަށާއި، މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ 10 ވާ ބުރާސްފަތި ދުވަހު ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު