ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން ބޫސްޓާ ޑޯޒްތައް ޖަހަން ލައްކައަކަށް ވުރެ ގިނަ ވެކްސިންގެ ޑޯޒް ރާއްޖެ ގެނެސްފިއެވެ.

ޔުނިސެފްގެ ރާއްޖޭގެ ބްރާންޗުން ހާމަކުރިގޮތުގައި ބޫސްޓާ ޑޯޒް ޖަހަން ފައިޒާ ވެކްސިންގެ 100،620 ޑޯޒް މިއަދު ވަނީ ރާއްޖެ ގެެނެސްފައެވެ. ޔުނިސެފުން ބުނީ މިއީ ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯ އިސްވެ އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހަދިޔާ ކުރި ވެކްސިން ކަމަށެވެ.





ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައިވަނީ މި މަހުގެ މެދުތެރޭގައި ބޫސްޓާ ޑޯޒް ގިނަ ބަޔަަކަށް ދޭން ފަށާނެ ކަމަށެވެ. އެހެން ނަމަވެސް ވެކްސިން ނުލިބުމުގެ ސަބަބުން މި ޕްރޮގްރާމް ފެށިފައެއް ނުވެއެެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް، ނުވަތަ ބޫސްޓާ ޑޯޒް، އެޗްޕީއޭއިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުއެެވެ. އެގޮތުން 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނަށް މިހާރު ވަނީ ވެކްސިންގެ ބޫސްޓާރ ޑޯޒް ޖަހަން ފަށާފައެވެ. މިހާރު 50 އަހަރުން މަތީގެ މީހުނަށް ވެސް ބޫސްޓާ ޑޯޒް ޖަހަން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެޗްޕީއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި މިހާތަނަށް 22،093 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.



ކިޔުންތެރިންގެ ހިޔާލު