އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހުން ޝާޢިއުކުރާ މިންތީގެ ހަމަހަމަކަމާއި ގުޅޭ "ކުއާޓްލީ ނިއުސް ލެޓަރ"ގެ ފުރަތަމަ އަދަދު ނެރެފިއެވެ.

އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ، މިންތީގެ ހަމަހަމަކަމާއި ގުޅޭ"ކުއާޓްލީ ނިއުސް ލެޓަރ"ގެ ފުރަތަމަ އަދަދުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް އދގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހުން ވޭތުވެދިޔަ މުއްދަތުގައި ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހުންނާނެކަމަށެވެ.



އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އުންމީދުގެ ރިޔާސަތު ނުވަތަ ޕްރެސިޑެންސީ އޮފް ހޯޕްގައި އިސްކަންދެއްވާނެ މައިގަނޑު 5 ކަމެއް ހިމެނޭއިރު މިންތީގެ ހަމަހަމަކަން ގާއިމްކޮށް، އދގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހަކީ މިންތީގެ ހަމަހަމަކަން ގާއިމް ކޮށްފައިވާ އޮފީހަކަށް ހައްދަވާނެކަމަށް ވައުދުވެވަޑައިގެން ޝާހިދުވަނީ އެވަޢުދު ފުރިހަމަ ކުރަށްވާފައެވެ.

މީގެއިތުރުން އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގަންނަވާނީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމްވެފައިވާ ޕެނަލްތަކުގައިކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެއެވެ.

"އަޅުގަނޑަކީ މިންތީގެ ހަމަހަމަކަމަށް އަބަދުވެސް ތާއީދުކުރާ މީހެއް. އ.ދ.ގައި އަޅުގަނޑުގެ ކެބިނެޓް މިއޮތީ ޖެންޑަރ ބެލެންސްކުރެވިފައި. އަޅުގަނޑު ވަޢުދުވީ ހަމައެކަނި ޖެންޑަރ ބެލެންސްކުރެވޭ ޕެނަލްތަކުގައި ބައިވެރިވުމަށް. އަދި އަންހެނުންނާއި އަންހެން ކުދިންނާ ބައްދަލުކޮށް ވާހަކަދައްކާ މަޝްވަރާކުރުމަށް ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން އަޅުގަނޑުކުރަން. އެއީ ޤައުމުތަކުގެ ވެރިން ކަމުގައިވިޔަސް، ނުވަތަ އަންހެން ސައިންޓިސްޓުން ކަމުގައިވިޔަސް، ނުވަތަ މަދަނީ މުޖްތަމަޢުން ކަމުގައިވިޔަސް، ނުވަތަ މަދަރުސާގެ ކުދިން ކަމުގައިވިޔަސް. އަޅުގަނޑު ބޭނުން، އެބޭފުޅުންގެ ތަޖުރިބާތައް އަޑުއަހައި، އެތަޖުރިބާތައް ދަސްކުރަން." މިދިޔަ ހަފްތާގައި އދގެ މައިމަރުކަޒުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވިއެވެ.

މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް އދގެ ޢާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކުރައްވާ މަސައްކަތް ފާހަގަކޮށް، އިންޓަނޭޝަނަލް ޖެންޑާ ޗެމްޕިއަން ލަގަބުވެސް މިދިޔަ ސެޕްޓެމްބަރުމަހު ވަނީ އަރުވާފައެވެ. އެ ލަގަބު ޝާހިދަށް އަރުވާފައި ވަނީ ނިއުޔޯކްގައި ތިއްބަވާ އެކި ގައުމުތަކާއި މަދަނީ ޖަމިއްޔާތަކުގެ އަންހެން ސަފީރުންނެވެ.

އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހުން ޝާޢިއުކުރާ މިންތީގެ ހަމަހަމަކަމާއި ގުޅޭ "ކުއާޓްލީ ނިއުސް ލެޓަރ"ގެ ފުރަތަމަ އަދަދު ނެރެފައިވާއިރު، އޭގައިވެސް މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ޝާހިދުގެ އޮފީހުން ކުރައްވަމުން ގެންދާ ވަރަށް ގިނަ މަސައްކަތްތަކަށް ވަނީ އަލިއަޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު