ކ-މ-ވ: ރިޔާޒް ޑރ.ޖަމީލް ރައީސް ޔާމިން
ކ-މ-ވ: ރިޔާޒް ޑރ.ޖަމީލް ރައީސް ޔާމިން
ކުރީގެ ރައީސް އަބުދުﷲ ޔާމިން ޖަލުން މިނިވަންވީ ޓެކްނިކަލް ގޮތުން ހެދުނު ގޯހަކުން ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒް ވިދާޅުވުމުން މައްސަލަ ގޯސްވެ ރައީސް ޔާމިންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އިސް ވަކީލު ޑރ. މުހަންމަދު ޖަމީލް އަހުމަދާއި ރިޔާޒާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެެވެ.

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއިން ސަލާމަތްވީ ކަމާ ގުޅޭ އިދާރާތަކުން ހަދާފައިވާ ޓެކްނިކަލް ގޯހަކުން ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ރިޔާޒް ވަނީ ވިދާޅުވެފައެވެ. ރިޔާޒްގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ކުރީގެ ނާއިބް ރައީސް އަދި ރައީސް ޔާމިންގެ ވަކީލުންގެ ޓީމުގެ އިސް ގާނޫނީ ވަކީލު ޑރ. މުހަންމަދު ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކީ ޓެކްނިކަލް ގޯހުން ނިމޭ ކަމެއް ނޫން ކަމަށެވެ. އަދި ޖިނާއީ ކުށެއް ސާބިތު ކުރަން ގިރާކުރަން ޖެހޭ ގާނޫނީ އޮޅިގަނޑެއް އޮންނަ ކަމަށް ވިދާޅުވެ ރިޔާޒުގެ ވާހަކަތައް ޖަމީލް ވަނީ ކުށްވެރިކުރައްވާފައެވެ.



"ސިޔާސީ ގޮތުން ރައީސް ޔާމީނާއި ފައި ހަމަނުކުރެވޭނެކަން ހަޖަމު ކުރަންޖެހޭ." ރިޔާޒަށް ރައްދު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ.

ޖަމީލުގެ އެ ވާހަކަތަކަށް ރިޔާޒު ވެސް ވަނީ ރައްދު ދެެއްވާފައެެވެ. ކިނބިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ރިޔާޒް ވިދާޅުވީ ރައީސް ޔާމީނަކީ ހިޔާނާތްތެރިއެއް ކަމަށް ޖަމީލް ކުރީން ވިދާޅުވި ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވަރުގެ ތެދުވެރި ވެރިއަކު މިހާރަކު ނެތް ކަމަށް ޖަމީލް މިއަދު ވިދާޅުވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒުގެ ވާހަކައިގައި އެ ފާހަގަކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ޕާޓީތަކާއެކު މަސައްކަތް ކުރެއްވިއިރު ރައީސް ޔާމީނަށް ވަގަށް ގޮވައި ފާޑުވިދާޅުވެފައިވާތީ އެކަމަށް އިޝާރަތްކުރަށްވައެވެ.

"މަނިކުފާނު [ޑރ ޖަމީލް] އެބަ ޖެހޭ ނޫންތޯ ތެދު ބަހުން ވާހަކަ ދައްކަވަން. އަމަލާ ބަހާ ދިމާ ކުރައްވަން،" ޑރ. ޖަމީލަށް ރައްދު ދެއްވަމުން ރިޔާޒު ވިދާޅުވިއެވެ. 



ރިޔާޒްގެ ވާހަކަތަކަށްފަހު‏ ޑރ. ޖަމީލް ވިދާޅުވީ ސްޕްރީމް ކޯޓުގެ ޙުކުމަކީ ނިހާއީ އެއްޗެއް ކަމަށެވެ. އަދި އެކަން އޮޅުވާ ނުލެއްވުމަށް ޖަމީލް ގޮވައިލެއްވި އެވެ.



"އަމުދުން ގާނޫނު ހަދާ މަޖްލިހުގެ މެމްބަރުންނަށް މިވަރު ފަހުމްވާންވާނެ." ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލްގެ އެވާހަކަތަކާއި ގުޅިގެން މެމްބަރު ރިޔާޒް ވިދާޅުވީ ޖަމީލަކީ ގާނޫނީ މާހިރެއް ކަމަށާއި، ޓެކްނިކަލިޓީގެ މާނަ އެނގިވަޑައިނުގަންނަވާ ނަމަ ގޫގަލްގައި ޖައްސަވައިލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރިޔާޒް ވަނީ ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކުރި ފައިސާއާއި ގުޅޭގޮތުން އެމަނިކުފާނު އަމަލުކުރެއްްވީ އަމިއްލަ މަންފާ އިސްކޮށްގެން ކަމަށް ސްޕްރީމް ކޯޓުގެ ހުކުމްގައި އޮތްކަން ފާހަގަކުރައްވާފައެވެ.

"ސްްޕްރީމް ކޯޓުގެ ހުކުމުގައި މިބުނާ ވާހަކަތަށް މަނިކުފާނަށް ފަހުމްވާނެ ކަމަށް ދެކެން." ރައީސް ޔާމިންގެ ޖަލުގެ ހުކުމް ބާތިލްކޮށް ސްޕްރީމް ކޯޓުން ކުރި ހުކުމްގެ ބައެއް ހިއްސާކުރައްވަމުން ރިޔާޒް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު