އެމްޓީސީސީ ގެ އަމާޒަކަށް ހަދަންވީ ބައިނަލްއަޤްވާމީ ޕްރޮޖެކްޓްތަކާ ދިމާއަށް މިސްރާބު ޖެހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ އެމްޓީސީސީގެ މިސްރާބު މުޅިން އެހެން އަމާޒަކަށް ސީދާ ކުރަންވީ ވަގުތު ޖެހިފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ޚާއްޞަކޮށް، އަތޮޅުތަކުގެ ރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ކުރަންޖެހޭނެ ކަންތައްތަކަކީ މަގުތައް ހެދުމާއި، އެއްރަށާއި އަނެއްރަށް ކަނޑުމަގުންނާއި އަދި ބްރިޖާއި ކޯޒްވޭތަކުން ގުޅައިލުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ، ޒަމާނީ ޓެކްނޮލޮޖީއާއި، ތަމްރީނާއި، އެކްސްޕަރޓީސް ހޯއްދަވައިގެން މިކަންތައްތަކަށް ތައްޔާރުވުމަށް." ރައީސް ވިދާޅުވިއެވެ.

ހެންވޭރު ދަނޑުގައި މިރޭ ބޭއްވި މި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ސިޔާސަތަކީ ލާމަރުކަޒީ ތަރައްޤީގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަސާސީ ޚިދުމަތްތައް ޤާއިމުކޮށްގެން ކޮންމެ ކަމެއްގައި މާލެ އަންނަން ނުޖެހި އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އެ ސަރަޙައްދަކުން، އަސާސީ ޚިދުމަތްތައް ލިބޭނެ ގޮތް ހެދުންކަމަށެވެ. އެމް.ޓީ.ސީ.ސީ އަކީ ރާއްޖޭގ ޚާއްޞަކޮށް ރަށްރަށުގެ ޢުމްރާނީ ތަރައްޤީގެ އެންމެ މުހިންމު ބައިވެރިޔާކަން ސިފަކުރައްވައި ރައީސް ސޯލިހް ވަނީ އެމް.ޓީ.ސީ.ސީއަކީ ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ކުންފުންޏެއްކަން ފާހަގަކުރައްވާފައެވެ.



މީގެ އިތުރުން މި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް، މިއަހަރުގެ ކުރީކޮޅު ސަރުކާރުން އެމް.ޓީ.ސީ.ސީއާ ބޮޑު މަޝްރޫޢެއް ޙަވާލުކޮށްފައިވާކަން ފާހަގަ ކުރަށްވައިފައެވެ. އެ މަޝްރޫޢުގެ ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ މެދުގައި، ފެރީގެ ޚިދުމަތް ފެށުމަށް، އެމް.ޓީ.ސީ.ސީން ތައްޔާރުވަމުންއަންނަ ކަމަށެވެ. އަދި މިފަދަ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން، ވަޒީފާގެ އެތައް ބައިވަރު ފުރުޞަތުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުގައި ހުޅުވިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެެވެ. މީގެ އިތުރުން ވެސް ރައީސް ވިދާޅުވީ ރަށްރަށުގައި އުފެދޭ އެ ވަޒީފާތަކަށް ބޭނުންވަނީ ދިވެހިންކަމަށާއި، ރާއްޖޭގައި މިހާރު ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ޤައުމީ ތަރައްޤީގައި ބައިވެރިވުމަށް ދިވެހި ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުގެ ހިންގުންތެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި އެމް.ޓީ.ސީ.ސީއަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ކުންފުންޏެއްކަމުގައި ވިދާޅުވެ، އެ ކުންފުނިން ހިންގާ ހުނަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން، 3 އަހަރުގެ ތެރޭގައި 100 މީހުން ތަމްރީންކުރަން އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ކޯވިޑް-19ގެ ފުރަތަމަ އަހަރުގެ ތެރޭގައިވެސް، އެ ކުންފުނީގެ ޙަރަކާތްތައް ހުއްޓުމެއް ނެތި ކުރިޔަށް ދިޔަކަމަށާއި، މިހާރު އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށާފައިވާއިރު ކުރިއަށް މިއޮތް ދުވަސްތަކުގައި އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ކުންފުނީގެ ދުވެލި މާބޮޑަށް ހަލުވިވެގެންދާނެ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދިނުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގައި، ސަރުކާރުގެ ކުންފުނިތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަކަމަށާއި، ޚާއްޞަކޮށް އަސާސީ ޚިދުމަތްތަކާ ގުޅިފައިވާ ކުންފުނިތަކުގެ ދައުރު ވަކިން ބޮޑުކަން ރައީސް ފާހަގަކުރައްވާފައެވެ.



މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ދައުލަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެމް.ޓީ.ސީ.ސީ ގެ ޗެއަރމަން މުޙައްމަދު ފަޙީމް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެމް.ޓީ.ސީ.ސީ "ކާމިޔާބު 40" ފޮތް ވެދުން ކުރައްވާފައެވެ. މި ޖަލަސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.ޓީ.ސީ.ސީ އަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި މުވައްޒަފުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 2021 ވަނަ އަހަރުގެ މުވައްޒަފުން ތަމްރީންކުރުމުގެ ޕްރޮގްރާމަށް ހޮވިފައިވާ ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު