ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު (އެމްޑީ) ގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދައުލަތުން އުފުލި ދައުވާތައް ސާބިތު ނުވާ ކަމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރުމުން އޭނާ އެނބުރި ރަސްމީ މަސައްކަތަށް ނުކުމެ ވަޑައިގެންފި އެވެ.

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ މުހައްމަދު އަހްމަދުގެ މައްޗަށް އުފުލާފައިވަނީ މީގެކުރިން 2015 ވަނަ އަހަރު އޭނާ ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ކުޑަކުއްޖަކާ އެކު ޖިންްސީ އަމަލެއް ހިންގި ކަމަށް ބުނެ އެވެ. ޢެ މައްސަލައިގައި މުހައްމަދުގެ މައްޗަށް މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން އުފުލިއެެވެ. މިމައްސަލައިގައި ގައްދޫ ކޯޓުން އިއްޔެ ކުރި ހުކުމްގައި އޭނާގެ މައްޗަށް އުފުލި ދައުވާތަށް ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅާފައެެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރުމާ މެދު އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު (އެމްޑީ) ހުރީ އެމައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ކޯޓުގެ ހުކުމާއެކު އޭނާ ޖަލުން މިނިވަންވެ ރަސްމީ މަސައްކަތަށް ވަނީ ނުކުމެވަޑައިގެންފައެވެ. ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ގައްދޫ ކައުންސިލްގެ ރައީސް ކަމަށް މުހައްމަދު އަހްމަދު އިންތިޚާބުވީ ޕީޕީއެމް ޓިކެޓްގައެވެ.



ކިޔުންތެރިންގެ ހިޔާލު