މިއަހަރުގެ މިހާތަނަށް 4562 ވައްކަމުގެ މައްސަލަ ހުށައަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ ޚިދުމަތަށް ހުށަހަޅާ ތަފާތު އެކި މައްސަލަތަކުގެ ތެރެއިން ވައްކަމާއި ފޭރުމުގެ މައްސަލަތަކަކީ އާންމުކޮށް ހުށަހެޅޭ މައްސަލަތަކެއް ކަމަށާއި މިއަހަރުގެ މިހާތަނަށް މި ބާވަތްތަކުގެ 4930 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 4562 މައްސަލައަކީ ވައްކަމުގެ މައްސަލަތައް ކަމަށާއި ބާކީ 368 މައްސަލައަކީ ފޭރުމުގެ މައްސަލަތައް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މުޖުތަމައުގައި މިފަދަ ކުށްތަކަށް އަރައިގަންނަ މީހުން އެބަތިބި ކަމަށާއި އަދި ތަކުރާރުކޮށް މި ކުށްކުރާ މީހުންވެސް އެބަތިބިކަމަށެވެ. އެހެންނަމަވެސް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަހުގީގަށް ބަލާއިރު ފާހަގަވާ އެހެންކަމެއްވެސް އެބައޮތް ކަމަށާއި އެއީ މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް މަގު ފަހިވާ ގޮތަށް ހުންނަ ބައެއް ކަންކަން ކަމަށް ފުލުހުން ބުނެ އެވެ.

އެގޮތުން ދޭންވާ ވަރަށް އެކަށީގެންވާ ސަމާލުކަން ނުދެވުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައި ނެތުމުން ހިނގާފައިވާ މިފަދަ މައްސަލަތަކުގެ އަދަދު މަދުނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިފަހަކަށް އައިސް މަގުމަތިން ފޭރުމާއި ވަކި ވަގުތެއް ނެތި ވައްކަންކުރުމުގެ މައްސަލަތައް އާންމުވެފައިވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެފަދަ ފަރާތްތައް އިސްލާހުވިކަން ކަށަވަރު ނުކޮށް މުޖުތަމަޢަށް ދޫކޮށްލާފައި ތިބުމާއި ތަކުރާރުކޮށް ކުށްކުރާ މީހުން ދޫވެފައި ތިބޭ މައްސަލައިގައި ތަންފީޒީ އިދާރާތަކަށް ވެސް ގިނަ ބައެއްގެ ފާޑުކިއުން އަންނަނީ އަމާޒު ވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު