އިންޑިއާ ސިފައިން ބޭރުކުރުމަށް ކަމަށް ބުނެ އިންޑިއާ އައުޓްގެ ނަމުގައި ރައީސް ޔާމީން ހިންގަވަނީ ބޮޑު ޖަރީމާއެއް ކަމަށް ބުނި ނަމަވެސް އިންޑިއާ ސިފައިން ދާއިމަށް ރާއްޖޭގައި ތިބުމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީން ދެކޮޅު ހަދާނެކަމެއްކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއެންޕީން މިހެން ބުނެފައި މިވަނީ އިދިކޮޅު ޕީޕީއެމްއިން ހިންގާ އިންޑިއާ އައުޓް ކެމްޕެއިނަކީ ޖަރީމާއެއްކަމަށް ވިދާޅުވެ، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ދެއްކެވި ވާހަކަތައް ބައެއް ފަރާތްތަކުން އޮޅުވާލައިގެން ފަތުރަމުންދާކަމަށް ބުނުމަށްފަހުއެވެ.

އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނާޒިމް ވިދާޅުވީ އިދިކޮޅު ޕީޕީއެމް އަދި ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ޖަރީމާއެއް ކަމަށެވެ.

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އެމްއެންޕީއަށް ފާޑު ކިޔަން ފެށުމުން އެ ޕާޓީގެ ތަރުޖަމާނު ވިދާޅުވީ އިންޑިއާގެ މިލިޓަރީ ރާއްޖޭގައި ދާއިމަށް ތިބުމަކީ އެ ޕާޓީން ދެކޮޅު ހަދާ، އަދި ކަންބޮޑުވާ ކަމެއްކަމަށް ވަރަށް ސާފުކޮށް ބުނެފައިވާނޭކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ނާޒިމް ދެއްކެވި ވާހަކަތައް އޮޅުވާލައިގެން ފަތުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ މިނިވަންކަން އެމްއެންޕީން ކޮމްޕްރޮމައިޒެއް ނުކުރާނެ." ޕާޓީގެ ތަރުޖަމާން އަސްރާ ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ނޫން ކަމަށް ދޭހަވާ ގޮތަށް ޕާޓީގެ ރައީސް ދެއްކެވި ވާހަކަތައް ތަރުޖަމާން އަލުން ތަރުޖަމާކޮށްދެއްވައި މުޅިން އެހެން ތަރުޖަމާއެއް ފަހުން ނެރުއްވި ނަމަވެސް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް ނާޒިމް އޭނާ ދެއްކެވި ވާހަކަތަކާއި ދެކޮޅު ހައްދަވާފައެއް ނުވެއެވެ.





އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ، އެއްވެސް ގައުމެއްގެ އަސްކަރިއްޔާއިން ދިވެހި ރާއްޖޭގައި ތިބުމަށް ރުހިގެން ނުހުންނަވާނެ ކަމަށާއި، އެހެން ނަމަވެސް އިދިކޮޅު ޕީޕީއެމް އަދި ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ޖަރީމާއެއް ކަމަށެވެ.

ނާޒިމް ވަނީ "އިންޑިއާ އައުޓް" ކެމްޕޭނުގައި އެއްވެސް ރައްޔިތަކު ބައިވެރި ނުވުމަށް ގޮވާލައްވާފަ އެވެ. އަދި އެ ކެމްޕޭންގެ ސަބަބުން އަވައްޓެރިންނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހީނަރުވާނެ ކަމަށާއި އަދި އޭގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ގޮތުންވެސް ގެއްލުންވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު