އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ދާއިމަށް ތިބުމާއި ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ސަރުކާރަށް އަމާޒުވާ ކެމްޕެއިނެއްކަމަށާއި އެކަމުގެ ސަބަބުން ހާރިޖީ އެއްވެސް ގުޅުމަކަށް ބުރޫ އަރަންޖެހޭ ސަބަބެއް ނެތްކަމަށް ޕީޕީއެމްގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ހާރިޖީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި، އަދި އދގެ މަތީ މަގާމްތަކެއްވެސް ފުރުއްވާފައިވާ ޑރ. ވަހީދު މިހެން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ރާއްޖެއާއި އިންޑިއާގެ ހާރިޖީ ގުޅުމަށް ބުރޫ އަރާނެކަމަށް ސަރުކާރުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖެއާއި އިންޑިޔާގެ ގުޅުމަށް ބުރޫ އަރާނެކަމަށް ބުނެ ދައްކާ ވާހަކަތަކަށް އިޝާރާތްކުރައްވައި ޑރ. ވަހީދު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެންޕެއިންގެ ސަބަބުން ރާއްޖެއާއި އިންޑިއާ ގުޅުން ހީނަރުވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ އިންޑިއާއާ ދެކޮޅު ކެންޕެއިނެއް ނޫން ކަމަށާއި އެއީ ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާ ތިބުމަށް ދިވެހީން ނޭދޭތީ ކުރިއަށް ގެންދާ ކެންޕޭނެއް ކަމަށެވެ. އަދި އެ ކެމްޕެއިން އަމާޒުވަނީ ދިވެހި ސަރުކާރަށްކަމަށްވެސް ވަހީދު ވިދާޅުވިއެވެ.



ވަހީދު ވިދާޅުވީ އިންޑިއާ ސިފައިން ފޭބުމަށް ގޮވާލި ނަމަވެސް އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ އަދި ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުންވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެކަމަށެވެ.

"މިއީ ހަމައެކަނި އިންޑިއާއަށް ބުނާ އެއްޗެއް ނޫން. އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހީން ގަބޫލު ކުރާނެ ކަމެއް ނޫން. އިންޑިއާ ވެސް ޗައިނާވެސް އަދި އެމެރިކާގެ ވެސް ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހީން ގަބޫލު ކުރާނެ ކަމެއް ނޫން." މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަހީދު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިނާއި ގުޅޭގޮތުން ދިވެހި ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ހަގީގަތާ ހިލާފު، ސާބިތު ނުހިފޭ ވާހަކަ ފަތުރައި އިންޑިއާއާމެދު ނަފުރަތު އުފައްދަން "މަދު ދިވެހީންތަކަކާއި ސިޔާސީ މީހުން" މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ސަރުކާރުން އަބަދު ވެސް ތަރުހީބު ދޭނެ ކަންކަން ކަމަށާއި އެ ހައްގުތަކުގެ ބޭނުން ހިފަން ޖެހޭނީ ޒިންމާދާރުކަމާއެކު ކަމަށް ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު


4

އަލީ

22-Dec-2021

މި އަޅެ ފަހެ ބުރާންޗެއްތަ