މިދިޔަ 3 އަހަރު ދުވަހުގެތެރޭގައި އެމްޓީސީސީގެ މަސައްކަތްތައް އިތުރުވެ، ކުންފުންޏަށް ލިބޭ ފައިދާވެސް ދެ ގުނަވެފައިވާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ އެމް.ޓީ.ސީ.ސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާކަމަށާއި، އަދި ރައީސް ސާލިހުގެ ޒައާމަތުގެ ދަށުން ކުރެވުނު މަސައްކަތުން އެކުންފުނި އަމިއްލަ ފައިމައްޗަށް ކޮޅަށް ނަގާފައިވާކަމަށެވެ.

އާޒިމް ވިދާޅުވީ، އެމް.ޓީ.ސީ.ސީގެ ކެޕޭސިޓީ އިތުރުވެ، މަސައްކަތުގެ ސްޕީޑުވެސް އެތައް ގުނައެއް އަވަސްވެފައިވާ ކަމަށެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ އަދަދުވެސް 2018 ކުރިން އެކުންފުނީގެ މުވައްޒަފުންގެ އަދަދާއި ބަލާފައި އިތުރުވެފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

"ކުރިން 3 އަހަރު ނިންމޭ ބަނދަރު ހެދުމުގެ މަސައްކަތްތައް މިހާރު 1 އަހަރު ނިންމާލެވޭ. 3 އަހަރުން ނިންމޭ އެއަރޕޯޓުގެ މަސައްކަތްތައް ގާތްގަނޑަކަށް 18 މަސްދުވަހުން މިހާރު ނިންމާލެވޭ." އާޒިމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، އެމް.ޓީ.ސީ.ސީން މިއަދު ރިކޯޑް ޢަދަދަކަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންދާއިރު، މިހާރު އެއްފަހަރާ 94 މަޝްރޫޢެއްގައި ކުންފުނިން ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި ކުންފުނީގެ މަޝްރޫއުތައް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން 2021 ގެ މިހާތަނަށް ކުންފުނީގެ ފައިދާ މިދިޔަ އަހަރުގެ ފައިދާއަށްވުރެ އިތުރުވެފައިވާ ކަމަށް، ރިކޯޑްކުރެވިފައިކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމް.ޓީ.ސީ.ސީގެ ކާމިޔާބީގައި މުވައްޒަފުންގެ ހިއްސާ ވަރަށް ބޮޑުކަމަށެެވެ. އަދި ކުންފުނީގެ މުވައްޒަފުންނަކީ ވަރުގަދަ އަޒުމަކާއި ހިތްވަރަކާއި މުރާލިކަމަކާއި ކެތްތެރިކަމަކާއި، ރިވެތި އަޚުލާޤަކާއެކު މަސައްކަތްކުރާ ބައެއްކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ.



އެމް.ޓީ.ސީ.ސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ އެމްޓީސީސީން ކުރިއަށްއޮތްތަނުގައި އަމާޒު ހިފަނީ ބްރިޖްފަދަ ބިޔަ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު