ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމުގެ ދައުވަތު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާއަށް އެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް ދަޢުވަތު އެރުވުމާއި ގުޅޭގޮތުން މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 އިން 23 އަށެވެ.



މަޖިލީހުން މިއަދު ފާސްކުރީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، މިމަހުގެ 23 ވާ ބުރާސްފަތިދުވަހު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް ދަޢުވަތު އެރުވުމަށެވެ. އެ ދުވަހުގެ ޖަލްސާ ތާވަލްކޮށްފައިވަނީ ހަވީރު 4:00 އަށެވެ. މިގޮތަށް ފާސްވީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެންބަރުންގެ ޢިއްތިފާގުންނެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ބަންގްލަދޭޝަކީ ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިވެދޭ އަވަށްޓެރި އެއް ޤައުމުކަމަށެވެ. އަދި އެޤައުމުގެ އެންމެ އިސްވެރިޔާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ތަޤްރީރުކުރެއްވުން ވެގެންދާނީ ނުހަނު މުހިންމު ކަމަކަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ހަސީނާ މަޖިލީހުގައި ތަގުރީރު ކުރެއްވުމާމެދު އެއްވެސް ޕާޓީއަކުން އިއުތިރާޒް ނުކުރައްވާކަމަށެވެ.

މީގެ ކުރިންވެސް ރާއްޖެއަށް ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގެންނެވި ބޭރުގެ އިސް ބައެެއް ބޭފުޅުންވަނީ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރައްވާފައެވެ. އެގޮތުން އިންޑިއާާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ފާހަގަކޮށްލެވެއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އަހަރުގެ މާރޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރުވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ބަންގާޅުގެ ބޮޑުވަޒީރު މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތަޢުލީމަކީ މިހާރުވެސް ދެ ޤައުމުގެ ދެމެދު ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކެވެ. ދެ ޤައުމު ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާއެކު ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރުދަނާވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު