އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ އެ ކޮމިޝަނުގެ މެންބަރަކު ޢިސްތިޢުފާ ހުށަހަޅުއްވާފައިވާތީކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މި ފުރުޞަތު ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން 30 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށްކަމަށްވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ކޮމިޝަންގެ މެންބަރު އަލީ އަޝްރަފާއި މެންބަރު މުޙައްމަދު ޝަކީލް ވަނީ މެންބަރުކަމުން އިސްތިޢުފާ ދެއްވާފައެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވީ އޭސީސީގެ މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހުގައި ކުރިއަށް ދަނިކޮށެވެ.

ބެލެވޭގޮތުގައި ރައީސް އޮފީހުން މިއަދު އިއުލާންކުރީ އޭސީސީގެ މެންބަރުކަމުން ފުރަތަމަ އިސްތިއުފާ ދެއްވި އަލީ އަޝްރަފްގެ މަގާމަށެވެ. އެހެންކަމުން ފަހުން މަގާމުން އިސްތިއުފާ ދެއްވި ޝަކީލްގެ މަގާމަށް ކުރިމަތިލުމަށް އަދިފަހުން އިއުލާންކުރާނެއެވެ.

މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމައި އެކަން މަޖިލީހުގެ ރައީސަށް ހުށައަޅާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.

އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިޢުލާނު ކުރުމަށްފަހު އިތުރަށް ދިރާސާ ކުރުމަށް މައްސަލަ ވަނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ލިޔުމުން ޖަވާބުދާރީވާން ފަސް ދުވަހުގެ މުހުލަތެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ވަނީ ދީފައެވެ.

އޭސީސީގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނާއިބް ރައީސް ފާތުމަތު އަނޫލާ އަދި އައިޝަތު އަބްދުﷲއެވެ.



ކިޔުންތެރިންގެ ހިޔާލު