އަހުމަދު މަސްނޫމް   20 ޑިސެމްބަރު 2021 - 18:56
ބ. ދަރަވަންދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް އަންނަމަހު ފެށޭނެކަމަށް އެމްޑަލިއުއެސްސީން ހާމަކޮށްފިއެވެ.

ސަރުކާރުގެ ފެބްކުންފުނިން ބުނީ ދަރަވަންދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ޝަކުވާ ލިބޭކަމަށެވެ. އަދި މަސައްކަތް ނުފެށިލަސްވަމުން ދިޔައީ ކޯވިޑްގެ ހާލަތާ ގުޅިގެން، މިކަމުގެ މަސައްކަތައް ބޭނުންވާ ބައެއް ސާމާނު ނުލިބިގެންކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. ނަމަވެސް ދަރަވަންދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ފަށަން ބޭނުންވާ ހުރިހާ ސަރވޭތަައް ނިމި، މަސައްކަތަށް ބޭނުންވާ ސާމާނުވެސް މިހާރު ލިބިފައިވާކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މިމަޝްރޫޢުގެ ދަށުން އެރަށުގައި 9.53 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް ގޭބިސީތަކާއި ސަރުކާރު މުއައްސަސާތަކާއި ގެސްޓްހައުސް ހިމެނޭ ގޮތަށް 384 ކަނެކްޝަން ގުޅައިދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ރަށުގެ ތިން ސަރަޙައްދެއްގައި ތިން ޕަންޕް ސްޓޭޝަން ޤާއިމްކޮށް ނަޖިސް ފެން ބޭރުކުރުމަށް މޫދަށް ހޮޅިއެއްއެވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 0.78 ކިލޯމީޓަރުގެ ޕަމްޕިން މެއިން ޤާއިމްކުރުމާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިން ފޯރުކޮށްދެވޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެފައި ވެއެވެ.

ސަރުކާރުން ދަރަވަންދޫގައި ޤާއިމްކުރި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އެޚިދުމަތްވެސް އަންނައަހަރު ފޯރުކޮށްދެވޭވަރުވާނެކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ފަސް އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރި ފެނާއި ރަނގަޅު ނަރުދަމާ ނިޒާމު ގާއިމްކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.



ކިޔުންތެރިންގެ ހިޔާލު