ދިވެހި ދައުލަތަށް ވަރަށްގިނަ ދުވަސްތަކެއް ވަންދެން ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ކަމުގެ ލަޤަބް އަރުވާފައިވާ ޢުމަރު ޒާހިރު، އަވަހާރަވުމަކީ ގައުމަށް ލިބުނު ވަރަށް ފުން ހިތާމައެއްކަމަށާއި، ގެެއްލިގެން އެދިޔައީ ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައިވެސް ދިވެހި ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އުމަރު ޒާހިރު އަވަހާރަވީ ކޯވިޑް-19އަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ.

ޢުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ފޮނުއްވި މެސެޖެއްގައި ރައީސް މައުމޫން ވަނީ ދިވެހި ސަރުކާރަށާއި، ދިވެހި ޤައުމަށާއި، ރައްޔިތުންނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އުމަރު ޒާހިރަކީ ލެޖެންޑެއްކަަމަށާއި، އެމަނިކުފާނު އަވަހާރަވުމަކީ ގައުމަށް ލިބުނު ވަރަށް ފުން ހިތާމައެއްކަމަށް ވިދާޅުވެފައެވެ.

"ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އޮނަރަބަލް ޢުމަރު ޒާހިރު، އަވަހާރަވުމަކީ މުޅި ގައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް. މިދިޔަ 50 އަހަރު ދިވެހި ރާއްޖެ ހާސިލްކޮށްފައިވާ ކުރިއެރުންތަކުގައި އިސް ދައުރެއް އަދާކުރެއްވި އުމަރު ޒާހިރަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ގައުމީ ޚަޒާނާއެއް އަދި ލެޖެންޑެއް." މައުމޫން ވިދާޅުވިއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރަކީ، ދައުލަތަށް 49 އަހަރަށްވުރެ ގިނަދުވަހު ވަރަށް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ ވަރަށް އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ޙަވާލުކުރެއްވި ކޮންމެ މަގާމެއްގެ ވާޖިބާއި މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކުރެއްވި ބޭފުޅެކެވެ. އެއްވެސް ކަމެއްގައި ފަސްޖެހިވަޑައިނުގެން ކުރިއަށް ވަޑައިގެންނެވި ޚާދިމެކެވެ. ޚިދުމަތުގެ ތެރެއިން މިއަދުގެ ޖީލަށް ރީތި ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެކެވެ. ޤައުމީ ކޮންމެ ކަމެއްގައިވެސް ކެރިގެން ކުރިމަތިލައްވައި، ފޯރިއާއި ޖޯޝާއެކީގައި މަސައްކަތް ކުރެއްވި ހިތްވަރުގަދަ ޝަޚްޞިއްޔަތެކެވެ.

ޢުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު