މިއަދު އަވަހާރަވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރަކީ ޒަމާނީ ދިވެހިރާއްޖެ ބިނާކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ކަންކަމުގައިވެސް އުމަރު ޒާހިރުގެ ބައިވެރިވުން ވަރަށް ބޮޑުކަމަށެެވެ. އަދި އެމަނިކުފާނަކީ ޒަމާނީ ދިވެހިރާއްޖެ ބިނާކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ހިއްސާދާރުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި، ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި ދިވެހިރާއްޖޭގެ ޤައުމީ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަޤަބް އަރުވާފައިވާ މާފަންނު މެރީގޯލްޑް ޢުމަރު ޒާހިރު އަވަހާރަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ.

ޢުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރަކީ، ދައުލަތަށް 49 އަހަރަށްވުރެ ގިނަދުވަހު ވަރަށް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު