ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު އަވަހާރަވުމަކީ މުޅި ޤައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ މިއަދު އަވަހާރަވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުގެ ޢާއިލާއަށް ފޯނުން ގުޅުއްވައި ތައުޒިޔާ ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައެވެ.

ޢުމަރު ޒާހިރުގެ ދަރިކަނބަލުން އާމިނަތު ސާމިޙާ ޒާހިރާ ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ސާމިޙާއަށާއި، ޢާއިލާގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ.

ޢުމަރު ޒާހިރަކީ، ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި އަދި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު އަވަހާރަވުމަކީ، މުޅި ޤައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވަނީ އުމަރު ޒާހިރުގެ ޢާއިލާއަށް މި ލިބުނު ފުން ހިތާމައަށް ކެތްކުރެއްވުމުގެ ހިތްވަރު ދެއްވައި، މަރްޙޫމުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދިވަޑައިގެން ދުޢާ ކުރައްވާފައެވެ.

ކޯވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމަރު ޒާހިރު އަވަހާރަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.



ކިޔުންތެރިންގެ ހިޔާލު