ހިތްޕުޅު ހަމަނުޖެހޭ ކޮންމެ ފަހަރަކު ސެކިއުލަރ ލޭބަލް ނުޖެއްސެވުމަށް ދިވެހި ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު، ދިޔާނާ ސައީދު ޑރ. މުޙައްމަދު އިޔާޒަށް އިލްތިމާސްކުރައްވައިފިއެވެ.

ދިޔާނާ މިހެން ވިދާޅުވެފައިވަނީ އަރަބިއްޔާ ސްކޫލްގެ ކަންކަމުގައި އެޑިއުކޭޝަން މިނިސްޓަރ ގެންގުޅުއްވަނީ ތުރުކީގެ ކުރީގެ ރައީސް، މުސްތަފާ ކަމާލް އަތާތުރްކުގެ ސެކިއުލަރ ސިޔާސަތުކަމަށް ވިދާޅުވެ ޑރ. މުހައްމަދު އިޔާޒް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތް ބާވެ، ނުރައްކާތެރި ހިސާބަކަށް ދިއުމުން ސަރުކާރުން ވަނީ އަރަބިއްޔާ ސްކޫލްގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައެވެ. ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން ވަނީ އެކަމާވެސް ދެކޮޅު ހަދައި މުޒާހަރާ ކޮށްފައެވެ. މިކަމާ ގުޅިގެން މިހާރު ކެރެވެމުންދާ މަޝްވަރާތަކުގައި އަރަބިއްޔާ ސުކޫލަށް މާލެއިން ބިމެއް ހޯދުމާއި ގުޅޭގޮތުން މިހަފުތާގައި ގޮތެެއް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.

އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ނުލިބި ލަސްވަމުންދާ މައްސަލައިގައި ޑރ. މުހައްމަދު އިޔާޒް ވަނީ ސަރުކާރަށާއި އެޑިއުކޭޝަން މިނިސްޓަރަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ތުރުކީގެ ކުރީގެ ރައީސް މުސްތަފާ ކަމާލް އަތާތުރްކު ގެންގުޅުއްވި ފަދަ ސެކިއުލަރ ސިޔާސަތެއް ދިވެހި ރާއްޖޭގައި ނުހިންގޭނެކަމަށް އިޔާޒް ވަނީ ވިދާޅުވެފައިވެއެވެ.

މިކަމަށް ރައްދުދެއްވަމުން ދިވެހި ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު، ދިޔާނާ ސައީދު ވަނީ ގާނޫނަށް އައި ބަދަލާއެކު ލާދީނީއޭ ވިދާޅުވާނެ އާގޮތެއް ހޯއްދެވީތޯއޭ ވިދާޅުވެ ޑރ. އިޔާޒާ ސުވާލު ކުރައްވާފައެވެ. އަދި ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކޮންމެ ފަހަރަކު ސެކިއުލަރ ލޭބަލް ނުޖެއްސެވުމަށް ދިޔާނާ ވަނީ ޑރ. އިޔާޒަށްް އިލްތިމާސް ކުރަށްވާފައެވެ.

އަރަބިއްޔާ ސުކޫލުގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީއާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ސްކޫލްގެ ވެރިންނާ އަދި ބެލެނިވެރިންނާ ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމަށްފަހު އަރަބިއްޔާ ސުކޫލަށް މާލެއިން ބިމެއް ހޯދުމާއި ގުޅޭގޮތުން މިހަފުތާގައި ގޮތެެއް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެފައިވެއެވެ.

މީގެިއތުރުން އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ދާއިމީ ޙައްލެއްގެ ގޮތުން މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުން ހުށަހެޅުއްވި އިތުރު ކަންކަން ބައްލަވައި އެކަންކަމަށް ވެސް ޙައްލެއް ހޯއްދަވައިދެއްވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި މަޝްވަރާކުރައްވާނެކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު