ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ، ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ފިޔަވަޅުތަކެއް އަޅައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ބުނީ ސެކިއުރިޓީ ބޭނުމަށް މާދަމާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަގާއި ފަޅުތެރެ ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާދަމާ މެންދުރު 2 އިން ހަވީރު 4 އަށް ހުޅުލޭގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އުތުރު ކަންމަތިން ފެށިގެން ކާގޯ ބިލްޑިންގ ދެކުނު ކަންމައްޗާއި ހަމައަށް ބަންދުކުރެވޭނެކަމަށް އެމް.އޭ.ސީ.އެލުން މަޢުލޫމާތުދެއެވެ.

މީގެއިތުރުން ހުޅުލޭގެ އެއްގަމާއި ފަޅުތެރެވެސް މިގަޑިތަކުގައި ބަންދުކޮށް ސެކިއުރިޓީގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. އެމްއޭސީއެލުން ބުނީ އެ ސަރަޙައްދުގެ ފަޅުތެރެއަށް އެއްވެސް އުޅަނދެއް ވަދެނުކުތުން އަދި ފަޅުތެރޭގައި ބޭއްވުން މަނާވާނެއެވެ. އަދި އެ ގަޑީގައި ކަނޑު އުޅަނދު ފަހަރަށް ބޭނުން ކުރެވޭނީ ހުޅުލޭގެ ދެކުނުގައިވާ ނެރު އެކަނި ކަމަށްވެސް އެމްއޭސީއެލުން ވަނީ ހާމަކޮށްފައެވެ.



އެމްއޭސީއެލުން ބުނީ މާދަމާ މެންދުރު 2:00 އިން ހަވީރު 4:00 އަށް ހުޅުލޭގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އުތުރު ކަންމަތިން ފެށިގެން ކާގޯ ބިލްޑިންގ ދެކުނު ކަންމައްޗާއި ހަމައަށް އެއްވެސް ބާވަތެއްގެ ވެހިކަލެއް ނުދުއްވޭނެތީ ފުލުހުންގެ އިރުޝާދާއި އެއްގޮތަށް އިންޓަރނޭޝަނަލް ޓަނމިނަލްގެ އުތުރު ކަންމަތިން ޢާއްމު އުޅަނދުފަހަރު އަނބުރާލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ، ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނީ މާދަމާ މެންދުރުފަހުގެ ވަގުތެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު