ކުރީ ސަރުކާރުން ހުޅުމާލޭގައި ފެށި ވޯޓަރ ތީމް ޕާކު މަޝްރޫއުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަގަވެގެން އެޗްޑީސީން އެމައްސަލަ އޭސީސީއަށް ހުށަހަޅައިފިއެވެ.

ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކުގެ މަސައްކަތް ސަރުކާރުން އޭރު ހަވާލުކުރީ މެލޭޝިޔާގެ މިރި ހައުސިންގ ޑިވެލޮޕްމަންޓް ކުންފުންޏާއެވެ.

އެޗްޑީސީން ބުނީ ކުންފުނީގެ އިންޓަރނަލް އޮޑިޓެއް ކުރުމުން ވޯޓަރ ތީމް ޕާކު ހަވާލުކުރުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަކުރެވުނުކަމަށެވެ. އަދި އެމަސައްކަތް ކުރިއަށްގެންދާ މެލޭޝިއާގެ ކުންފުންޏާއި އެމަސައްކަތް ހަވާލުކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް މަންފާތަކެއް ލިބޭ ގޮތަށް ކަމަށް ފާހަގަކުރެވިގެން އެކަން އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށްޗެސް އެޗްޑީސީން ބުނެފައި ވެއެވެ.

އެއްގަމާއި މޫދުގައި ފެނުގައި ގިނަ ކުޅިވަރުތައް ކުޅެވޭގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ މި ޕާކަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2017 ވަނަ އަހަރު ފެށި މަޝްރޫޢެކެވެ.

ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިނަމަވެސް، އެންމެ އެދެވޭގޮތެއްގައި މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެއެވެ.

އެޗްޑީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށް ޑިވެލޮޕަރާއެކު އެޗް.ޑީ.ސީން ވާހަކަދައްކަމުންދާކަމަށާއި، މަޝްރޫޢު ނިންމޭނެ ތާރީޚެއް އެނގޭނެހެން ޝެޑިއުލެއް އެޗް.ޑީ.ސީއާއި ހިއްސާކުރުމަށް އެދިފައިވީނަމަވެސް އެކަމުގައި އެންމެ އެދެވޭ އެއްބާރުލުމެއް ލިބެމުން ނުދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު