މިދިޔަ އޮކްޓޫބަރުމަހު ރާއްޖެއަށް އެތެރެކުރި 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ކުރަން ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ބުނީ އޮކްޓޫބަރުމަހުގެ ތެރޭގައި ދިވެހިރާއްޖެއަށް، ބަރުދަނުގައި ގާތްގަނޑަކަށް 100 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވުނު މައްސަލާގައި 8 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާކަމަށެވެ. އަދި 5 މީހެއްގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ދައުވާ އަދި އެކަކުގެ މައްޗަށް ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ އުފުލާފައިވާކަމަށެވެ.

ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ މީހުން؛

1. ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު

2. ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ޙަބީބު

3. ކ. މާފުށި، ސްވީޓްމީޑް، އަޙްމަދު މާހިރު

4. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޑީއެމް މޮބިން

5. ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްޠަފާ

6. ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު

7. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ ރަފީޤުލް އިސްލާމް

8. ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިން

ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 115 ވަނަ މާއްދާގެ ދަށުން، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ މީހުން؛

1. ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުޙަތު އިބްރާހީމް

2. މ. ކޮޅުފުށި، ޒަހީރާމަންޒިލް، އަޙްމަދު ސިރުޙާން ޝަމީމް

3. ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްޠަފާ

4. ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު

5. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ ރަފީޤުލް އިސްލާމް

އަދި ޤާނޫނު ނަންބަރު، 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 114 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިންގެ މައްޗަށެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯގެ ޑްރަގްސް އަތުލައިގަތީ މިދިޔަ އޮކްޓޫބަރުމަހުގެ 13 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވާކަމަށެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓާކަމަށް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު