ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މޭމަތީގައި "އިންޑިއާ އައުޓް" ޖައްސަވައިގެން އުޅުއްވާ އުޅުއްވުން ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ މާލެ ސިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އިންޑިއާ އައުޓް ނުގޮވޭނެ ކަމަށާއި، އެއީ ކަނޑައެޅިގެން ރާއްޖޭގެ މަސްލަހަތާ ހިލާފުކަމެއް ކަމަށެވެ. ކުރީގެ ރައީސް ޔާމީން މާލެތެރޭގައި އިންޑިއާ އައުޓް ޓީޝާޓު ލައްވައިގެން ނިކުންނެވުމަކީ ލަދުވެތިކަމެއް ކަމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކަށް ވަޑައިގެން އިންޑިޔާ އައުޓް ގޮވަމުން ރައީސް ޔާމިނަށް ނުހިންގެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނަށް އިންޑިއާ އައުޓް ޖައްސަވައިގެން ބޭރަށް ނުކުމެވަޑައިގެން އުޅުއްވިގެން ނުވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެކަން ފުލުހުން ހުއްޓުވަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ޔާމީނަކަށް އިންޑިއާ އައުޓް ޖައްސަވައިގެނެެއް ބޭރަށް ނުކުމެ، ގޮވަމަކުންނެއް ނުހިންގެވޭނެ، އެއީ ދިވެހިރާއްޖޭގެ ފުލުހުން ނުކުމެ ހުއްޓުވަން ޖެހޭނެ ކަމެއް،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޕީޕީއެމަށް ދިމާވެފައިވާ އިންޑިޔާ އައުޓް މައްސަލައިން ސަލާމަތް ކޮށްދިނުމަށް އެމްޑީޕީ މެންބަރުން ވެސް މަސައްކަތް ކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑަައިގެންފައެވެ.

އެމްޑީޕީ މާލެ ސިޓީގެ ބައްދަލުވުމުގައި، އިދިކޮޅު ކޯލިޝަނުން ހިންގަމުން އަންނަ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން ކަންކަން ރޭވުމަށް އެ ބައްދަލުވުމަށް ވަނީ ހުށައަޅާފައެވެ. އެގޮތަށް ހުށައެޅުއްވީ އެމްޑީޕީ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. ދާދިފަހުން ސަރުކާރުން ވެސް ވަނީ އިދިކޮޅުން ހިންގަމުން އަންނަ އިންޑިޔާ އައުޓް ކެމްޕޭނާއި ދެކޮޅަށް ބަޔާނެއް ވެސް ނެރެފައެވެ.

ރައީސް ޔާމީނަށް އިންޑިއާ އައުޓް ޖައްސަވައިގެން ބޭރަށް ނުކުމެވަޑައިގެން އުޅުއްވިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެ ވާހަކަފުޅު ދެއްކެވިއިރު ރައީސް ޔާމިންގެ ވެރިކަމުގައި ރައީސް ނަޝީދު ވަނީ އެސަރުކާރުން ގާތް ގުޅުމެއް ބާއްވަމުން ގެންދިޔަ ޗައިނާއާއި ދެކޮޅަށް ރާއްޖެއިން ބޭރާއި ރާއްޖޭގައި، އަޑު އުފުއްލަވައި ޗައިނާ ބަދުނާމުވާ ގޮތަށް ހަގީގަތެއް ނެތް ގިނަ ވާހަކަފުޅު ތަކެއް ދައްކަވާފައެވެ. އެގޮތުން ޗައިނާގެ އަސްކަރީ ބޭހެއް ރާއްޖޭގައި ހަދާ ވާހަކައާއި ޗައިނާ ސަރުކާރަށް 12 ފަޅުރަށް ވިއްކާލާފައިވާ ކަމަށް ވެސް ރައީސް ނަޝީދު ތަކުރާރުކޮށް ތުހުމަތު ކުރަށްވަމުން ގެންދެވިއެވެ.



ކިޔުންތެރިންގެ ހިޔާލު