ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވަގުތުގައިވެސް "އެކުވެރި އެމް.ޑަބްލިޔު.އެސް.ސީ"ގެ ޓީމުން ވަނީ މެދުކެނޑުމެއްނެތި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެފައި ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިހެން ވިދާޅުވީ އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ރޭގައި ބޭއްވި އެވޯޑް ނައިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި އެމް.ޑީ ހަސަން ޝާހު ދެއްކެވި ވާހަކަފުޅުގައި ފެނާއި ނަރުދަމާގެ ޚިދުމަތަކީ ކޮންމެ ދުވަހަކުވެސް ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ގުޅިފައިވާ، މެދުކެނޑުމެއްނެތި ފޯރުކޮށްދޭންޖެހޭ ޚިދުމަތެއްކަން ފާހަގަ ކުރައްވައި، "އެކުވެރި އެމް.ޑަބްލިޔު.އެސް.ސީ"ގެ ޓީމުން ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވަގުތުގައިވެސް މެދުކެނޑުމެއްނެތި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދީފައިވާކަން ފާހަގަކުރަށްވާފައި ވެއެވެ. އަދި އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް އެމް.ޑީ ޝާހު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އަދި މިފަދަ ސްޓާފް އެވޯޑް ހަފްލާއެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ވެސް ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފާހަގަކުރުމާއެކު، މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެގޮތުގައި ކުރިއަށް ދިއުމުގެ ރޫޙު އާލާކޮށް އެކަމަށް ހިތްވަރު ދިނުންކަމަށް ޝާހު ފާހަގަކުރެއްވިއެވެ. ކުންފުނީގެ އެންމެ އަގުހުރި ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށްވާއިރު، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ދެއަހަރުގައި ކޮށްފައިވާކަން އެމްޑީ ފާހަގަކުރެއްވި އެވެ. މިގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށްޓަކައި ކުރުމުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކާއި އަދި ދިގުމުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ، މުވައްޒަފުންގެ ދުޅަހެޔުކަމާއި، ސިއްޙަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަން އެމްޑީ ޝާހިދު ފާހަގަކުރަށްވާފައި ވެއެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ މި ސްޓާފް އެވޯޑް ނައިޓްގައި ދިގު މުއްދަތެއްގައި އެކުންފުންޏަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށާއި، 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ. އެގޮތުން ތަފާތު 9 ކެޓަގަރީއަކުން 87 މުވައްޒަފަކު ވަނީ އެވޯޑް ޙާސިލްކޮށްފައެވެ.

މިއަދު އެމް.ޑަބްލިޔު.އެސް.ސީއަކީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެއްގެ އިތުރުން، ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި އިންޖީނިއަރިންގ، މެނުފެކްޗަރިންގ އަދި ޓްރޭޑިންގ ދާއިރާއިންވެސް ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ. މިއަދު އެމް.ޑަބްލިއު.އެސް.ސީ އަކީ 100 އިންސައްތަ ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއެކު ހިންގަމުންދާ ފަޚުރުވެރި ކުންފުންޏެއްކަން އެކުންފުނިން ފާހަގަކުރެއެވެ. މިކާމިޔާބީތަކާއި ހިންގުންތެރިކަމުގެ ހަގީގީ މޭސްތިރިންނަކީ އެމް.ޑަބްލިޔު.އެސް.ސީގެ ހީވާގި މުވައްޒަފުން ކަމަށްވުމުން، މުވައްޒަފުންގެ ޚިދުމަތްތައް ފާހަގަކޮށް އަގުވަޒަން ކުރުމަކީ އެމް.ޑަބްލިޔު.އެސް.ސީއިން ނުހަނު އިސްކަމެއް ދޭ ކަމެއްކަމަށް އެކުންފުނިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު