މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެން އެދާއިރާގެ ބައި-އިލެކްޝަން އަންނަ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުއާންމުކޮށްފައެވެ. އަދި އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖަނަވަރީ 2 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އީމެއިލް މެދުވެރިކޮށެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލުގެ އިދާރާތަކުން ލިބޭނެ ކަމަށްވެސް ބުންޏެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބޮޑު ދެ ޕާޓީން ވެސް ވަނީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ޕްރައިމަރީއެއް ބާއްވާނެކަން އިއުލާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު