އަހުމަދު މަސްނޫމް   22 ޑިސެމްބަރު 2021 - 15:39
ވަކި ބަޔަކާއި ދެކޮޅަށް މާރާމާރީ ހިންގަން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ގޮވާލި މައްސަލަ ތަހުގީގްކުރުމަށް ކުރީގެ ނައިބް

ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފިއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެންޕޭންގައި ބައިވެރިވެ، އެހެން ގޮވާ މީހުންގެ ކަންފަތް މަތީގައި ޖަހަން ޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެނެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެ ވަޑައިގަންނަވާ، ގާނޫނީ ވަކީލު ޑރ. ޖަމީލު ވިދާޅުވީ‏ ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުން ޙައްޤާ ކުރިމަތިލާން ނުކުޅެދުނީމާ އަނިޔާކުރަން ގޮވާލައި ރޭވުންތައް ރޭވިކަމަށެވެ. އަދި ނަފްރަތު އުފެއްދުމުގެ ނަތީޖާއަކީ ނަފްސަށް ގެއްލުން ދިނުން ފަދަ ޖަރީމާ ހިންގުންކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން މާރާމާރީ ހިންގަން ގޮވާލި މައްސަލަ ތަޙްޤީޤްކުރަން ޕޮލިހަށް ލާޒިމްކަމަށެވެ.

"‏ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުން ޙައްޤާ ކުރިމަތިލާން ނުކުޅެދުނީމާ އަނިޔާކުރަން ގޮވާލައި ރޭވި. ނަފްރަތު އުފެއްދުމުގެ ނަތީޖާއަކީ ނަފްސަށް ގެއްލުން ދިނުން ފަދަ ޖަރީމާ މާޒީގައި ހިންގުން. އެމްޑީޕީގެ މެމްބަރުން މާރާމާރީ ހިންގަން ގޮވާލި މައްސަލަ ތަޙްޤީޤްކުރަން ޕޮލިހަށް ލާޒިމް." ޖަމީލު ވިދާޅުވިއެވެ.

އެމްޑީޕީގެ މާލެ މެންބަރުންނާއެކު އިއްޔެ އޮތް ބައްދަލްވުމުގައި ފަލާހު ވަނީ "އިންޑިއާ އައުޓް" ގޮވާނަމަ އެ ގޮވާ މީހެއްގެ ކަންފަތް މަތީ ޖަހަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ ގޮތަށް ވެސް އެ ހަރަކާތް ހުއްޓުވަން ޖެހޭކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވިއެވެ.

"އިންޑިއާ އައުޓެކޭ ނުގޮވޭނެ. އެ ގޮވާ ކަމަށް ވަންޏާ އަޅުގަނޑުމެން ޖެހޭނެ އެ މީހެއްގެ ކަންފަތް މަތީ ޖަހަންވެސް. އެ ނޫން ގޮތަކަށް މިކަން ނުހުއްޓުވޭނެ. އެއީ ކުރަން ޖެހޭ ކަމެއް މިހާރު." ފަލާހު ވިދާޅުވިއެވެ.

ފަލާހުގެ އެވާހަކަތަކާއި ގުޅިގެން އެމްޑީޕީން މިހާތަނަށް ވާހަކަދައްކާފައެއް ނުވެއެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު