އަހުމަދު މަސްނޫމް   22 ޑިސެމްބަރު 2021 - 15:57
މިިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރ. އަލިފުށީގައި ސްޓޭޓް އޮފް ދި އާރޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ (ޓިވެޓް) ސެންޓަރެއް ބިނާކުރުމުގެ މަސައްކަތުގެ ބީލަން މަރުހަލާ ފަށައިފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި މަޝްރޫއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރ. އަލިފުށީގައި ހިންގާ ޕްރޮޖެކްޓެއްކަމަށެވެ.



މި ޕްރޮޖެކްޓުގެ ދަށުން، އެކޮމަޑޭޝަން ބްލޮކަކާއެކު ސްޓޭޓް އޮފް ދި އާރޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިކުއޭޝަން ޓްރައިނިންގ (ޓިވެޓް) ސެންޓަރެއް އިމާރާތް ކުރުމަށްޓަކައި ޓެންޑަރިންއަށް ބޭނުންވާނެ ޑިޒައިންތަކާއި ތަފްސީލީ ކުރެހުންތައް ނިންމައި ކޮންސްޓްރަކްޝަން މަސައްކަތުގެ ޓެންޑަރ، މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ އިޢުލާން ކޮށްފައެވެ.

މި ސެންޓަރު ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 38,328 އަކަފޫޓްގެ ޖާގައިގައެވެ. ދެބުރިއަށް ފަރުމާކޮށްފައިވާ މި އިމާރާތް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާނެ ބްލޮކްތަކާއި އެކްޓިވިޓީ އޭރިއާއެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ.

ރ. އަލިފުށީގައި ބިނާކުރާ މި ޓިވެޓް ސެންޓަރގެ ފަރުމާ ޚާއްސަ ކޮށްފައިވަނީ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި ސެންޓަރުގައި ހިންގުމަށް މަގުފަހިވާނެއެވެ.

މި ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރުގައި ބޯޓްޔާޑަކާއި ކާޕެންޓްރީ ވޯކްޝޮޕަކާއި މެޝިން ވޯކްޝޮޕަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ހަ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހިމެނޭނެއެވެ. މި ސެންޓަރު ގާއިމްކުރެވޭ އިރު، ދަރިވަރުން ބޭތިއްބުމަށް، ފަންސާސް އަށް ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަމަށް ކިޗަން އަދި ޑައިނިންގ އޭރިއާއެއްގެ އިތުރުން ލޯންޑްރީއާއި ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައްވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް މި އިމާރާތުގައި ހުންނާނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓާ ގުޅުންހުރި ކުރެހުންތަކާއި ތަފްސީލީ ލިޔުންތަކުގެ ސޮފްޓްކޮޕީ 2021 ޑިސެންބަރު 22 އިން ފެށިގެން މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށެވެ. އަދި މަސައްކަތުގެ ޓެންޑަރުގެ ބީލަން ހުޅުވުން އޮންނާނީ 2022 ޖަނަވަރީ 11 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ފިނޭންސްގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައިކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު