ރާއްޖޭގައި ބޭރު ގައުމެއްގެ މިލިޓަރީ ބޭފުޅުން ހަރަކާތްތެރިވާނަމަ ރައްޔިތުންނަށް ފެންނާނެކަމަށާއި، ބޭރުގެ މިލިޓަރީ ރާއްޖޭގައި އޮތްކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އިންޑިއާ އައުޓް ޙަރަކާތަކީ ޤައުމާ ދެކޮޅަށް ހިންގާ ޖަރީމާއެއްކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަލީ ޒާހިރު ވިދާޅުވީ އިންޑިއާއާއި ރާއްޖޭގެ ގުޅުމަށް ބުރޫ ނޭރިޔަސް، ފަރުދީ ފެންވަރުގައި ހިންގައިފާނެ ކަންކަމާމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ އިންޑިއާއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުންތަކަކީ ކުރީ ސަރުކާރުތަކުން ވެފައިވާ އެއްބަސްވުންތަކެއްކަމަށާއި އެއީ މިސަރުކާރުން ކުރި ކަމެއް ނޫންކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ އިންޑިއާއެކު މިސަރުކާރުން ޤާއިމްކޮށްފައިވާ ޚާއްޞަ ގުޅުމަކީ ސިއްރު ގުޅުމެއް ނޫންކަމަށެވެ. އަދި ސަރުކާރުން ކުރައްވާކަމަކީ ކުރީ ސަރުކާރުތަކުން ފެށިގެން ވެފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒްކުރުންކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާގެ މިލިޓަރީ އޮތްކަމަށް ބުނެ ދައްކާ ވާހަކަތަކާއި ގުޅޭގޮތުން އަކީ ޒާހިރު ވިދާޅުވީ، ބޭރު ގައުމެއްގެ މިލިޓަރީ އޮތްނަމަ ފެންނާނެކަމަށެވެ. އަދި ރާއްޖޭގައި ތިބީ އިންޑިއާގެ އަސްކަރީ ބައެއް ޑޮކްޓަރުންނާއި ޓެކްނިކަލް މީހުންކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމަށް ހުރަސް ނާޅާނެކަމަށާ، ނަމަވެސް މުޅި މުޖުތަމައުގެ އަމާންކަން ދަމަހައްޓަވާނެކަމަށެވެ. އަދި އެއީ ސަރުކާރުގެ ޒިންމާއެއްކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.

"ޚިޔާލު ފާޅުކުރާށޭ. އަޅުގަނޑުމެން އަޑުއެހުމުގެ ޤާބިލްކަން އެބަހުއްޓޭ. ނަމަވެސް މިހާރު މިފެންނަނީ ލައިން ކްރޮސްކުރާ ތަނޭ. އެއީ އެއްވެސް ހާލެއްގައި ޚިޔާލު ފާޅުކުރުމެއް ނޫނޭ. މިއީކީ އެއްވެސް ހާލެއްގައި ސިޔާސީ ހަރަކާތް ހިންގުމެއް ނޫނޭ." އަލީ ޒާހިރު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާގެ މީހުންނާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕެއިނާއި ގުޅޭގޮތުން ސަރުކާރުން ކަންބޮޑުވުން ފާޅުކުރިނަމަވެސް، އިދިކޮޅު ފަރާތްތަކުން އެ ކެމްޕެއިން ހުއްޓާލާނެކަމަށް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު