އަހުމަދު މަސްނޫމް   22 ޑިސެމްބަރު 2021 - 18:13
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގ ލިޒިންގ، ނާއިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސާއި ޗައިނާ ސަފީރު ވަނީ ދެ ގައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

‎މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ލީޝިންއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ގުޅުންތައް ހަރުދަނާވެ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ. ‎

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވަރަށް ޒަމާންވީ ގާތް ގުޅުމެއް ގާއިމުވެފައިވާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ތަރައްޤީގެ ސަފުގައި އެ ޤައުމުން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ދެއްކެވި ވާހަކަފުޅުގައި، ކޯވިޑްގެ ޙާލަތުގައި ޗައިނާއިން ވެދެއްވި އެހީތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުންވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ޗައިނާއިން ރާއްޖެއަށް އެކިއެކި ދާއިރާތަކުން، ޚާއްސަގޮތެއްގައި ފަތުރުވެރިކަމާއި ޞިއްޙަތާއި އުމްރާނީ ތަރައްޤީއާއި، މަތީ ތަޢުލީމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އެ ޤައުމުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ

ނާއިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ދަރަނިތައް ދެއްކުމުގައިވެސް ޗައިނާއިން ލުއިތަކެއް ދިންކަމާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖަހަން މަގުފަހިވެގެންދިޔަކަން ފާހަގަކުރެއްވިއެވެ.

‎ސަފީރު ލީ ޝިންގެ ވާހަކަފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. އެގޮތުން މެޑިކަލް ޓީމުތައް ފޮނުވުމާއި ދެ ޤައުމު ދޭތެރޭ އޮތް އިޖްތިމާޢީ އަދި ޒަމާންވީ ސަގާފީ ގުޅުންތައް ހަރުދަނާ ކުރުމަށް އިސްކަންދެއްވާނެކަން ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުންތައް ކުރިޔަށްހުރި ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރުމުގެ ރޫޙު އާލާކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު