ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ސިންގަޕޫރަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ "ވެކްސިނޭޓެޑް ޓްރެވަލް ލޭން" ވީ.ޓީ.އެލް އިންތިޒާމުގެ ދަށުން ޓިކެޓް ވިއްކުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ސިންގަޕޫރުން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދުނިޔޭގައި މި ވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 "އޮމިކްރޮން" ވޭރިއެންޓާ ގުޅިގެން ސިންގަޕޫރު ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ފޮރިން މިނިސްޓްރީއަށް އަންގަވާފައިވާކަމަށެވެ.

މިގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި 22 ޑިސެމްބަރު 2021 ވާ ބުދަ ދުވަހުގެ 23:59 އިން ފެށިގެން 20 ޖެނުއަރީ 2020 ގެ 23:59 ގެ ނިޔަލަށް އެ މުއްދަތުގައި ދަތުރުކުރާގޮތަށް ވީ.ޓީ.އެލަށް ޚާއްޞަކުރެވިފައިވާ ފްލައިޓުތަކުން ޓިކެޓް ވިއްކުން ހުއްޓާލުން ހިމެނެއެވެ.

މީގެއިތުރުން އެ މުއްދަތުގައިވެސް، 21 ޖެނުއަރީ 2022 ގެ ފަހުން ދަތުރުކުރާ ގޮތަށް މި ފްލައިޓުތަކުން ޓިކެޓް ވިއްކުމަށާއި، ނަމަވެސް ވިއްކާ ޓިކެޓުގެ އަދަދު 50 އިންސައްތަ މަދުކުރުމަށް ވަނީ އަންގާފައެވެ. އަދި 22 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ ސިންގަޕޫރު ގަޑިން 23:59 ގެ ކުރިން ވީ.ޓީ.އެލް ފްލައިޓުތަކުން ޓިކެޓް ނަންގަވާފައިވާ، ވީ.ޓީ.އެލް ގެ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް ކަރަންޓީނުވުމާ ނުލައި ދަތުރު ކުރެވޭނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ފިޔަވަޅުތަކަކީ ވީޓީއެލް އިންތިޒާމު ހުއްޓާލުން ނޫންކަމެށެވެ. އަދި "އޮމިކްރޮން" ވޭރިއެންޓާ ގުޅިގެން މި ފިޔަވަޅުތައް މުރާޖައާކުރަމުން ގެންދާނެކަން ސިންގަޕޫރު ސަރުކާރުން އަންގަވާފައިވާކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.

އެހެންކަމުން ދިވެހިރާއްޖެއިން ސިންގަޕޫރަށް ދަތުރުކުރައްވަން ޓިކެޓް ނަންގަވާފައިވާ ފަރާތްތަކާއި އެ ޤައުމަށް ދަތުރުކުރައްވަން ޤަޞްދުކުރަށްވާ ފަރާތްތަކުން މި ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން ސިންގަޕޫރަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ސިންގަޕޫރަށް ދަތުރުކުރުމުގައި ވެކްސިނޭޓެޑް ޓްރެވަލް ލޭން (ވީ.ޓީ.އެލް)ގެ ސަބަބުން ލުއިތަކެއް ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު