އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުން އުސޫލާ ހިލާފު އަމަލުތަކެއް ހިންގަމުންދާކަމަށް ތުހުމަތުކުރާ މައްސަލަ ބެލުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުން އުސޫލާ ހިލާފު އަމަލުތަކެއް ހިންގަމުންދާކަމަށް ތުހުމަތުކޮށް އެ މައްސަލަ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހެޅީ އެ ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ ތިން މެމްބަރެކެވެ.

އޭސީސީގެ މެމްބަރުންނަށް ތުހުމަތުކުރާ މައްސަލައިގެ ތަފްސީލެއް ކޮމިޓީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް "ރަސް އޮންލައިން" ނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޓީއަށް ހުށަހަޅާފައިވަނީ އޭސީސީން ގަނޑުކޮށް މައްސަލަތަކެއް ތަހުގީގްކުރަން ފެށި މައްސަލައެކެވެ.



އޭސީސީގެ މެމްބަރުންނާއި ދެކޮޅަށް ހުށަހަޅާފައިވާ އުސޫލާ ހިލާފު އަމަލުތަކެއް ހިންގަމުންދާކަމަށް ތުހުމަތުކުރާ މައްސަލައިގައި މިރޭ ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އޭސީސީގެ މައްސަލައެއް އަނެއްކާވެސް ކޮމިޓީން ބަލަން ފަށާފައިވާއިރު، އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މިހާރުވެސް އެކޮމިޓީގައި ދަނީ ކުރިއަށެވެ.

މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމައި އެކަން މަޖިލީހުގެ ރައީސަށް ހުށައަޅާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.

އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިޢުލާނު ކުރުމަށްފަހު އެކަމާއި ގުޅޭ ރަސްމީ މަސައްކަތްތައް ކުރުމަށް ވަނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ލިޔުމުން ޖަވާބުދާރީވާން ފަސް ދުވަހުގެ މުހުލަތެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ވަނީ ދީފައެވެ.

5 މެމްބަރުން ތިއްބަވާ އޭސީސީގައި މިހާރު ތިއްބަ ވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނާއިބް ރައީސް ފާތުމަތު އަނޫލާ އަދި އައިޝަތު އަބްދުﷲއެވެ. މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ފެށުމާއެކު ކޮމިޝަން ދެ މެމްބަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު