ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހް ހަސީނާއަށް މަރުހަބާ ދެންނެވުމަށް މިނިސްޓަރަކު ވަޑައިނުގެންނެވުމުން އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ޝެއިހް ހަސީނާ މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެކަމަނާއަށް ވެލާނާ އިންޓަނޭޝަން އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީމެވެ.

އެކަމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ހަސީނާ ރާއްޖެ ވަޑައިގެންނެވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމުގެ ވަރުގަދަކަން ރަމްޒު ކޮށްދޭ ކަމެއް ކަމަށެވެ. އާދަމް ޝަރީފު ވަނީ ހަސީނާ ރާއްޖެ ވަޑައިގެންނެވުމުން އެކަމަނާއަށް މަރުހަބާ ވިދާޅުވެފައެވެ. އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ ގަވައިދުތައް ހަމަޖެހިފައި އޮންނަ ގޮތުން އެކަމަނާއަށް މަރުހަބާ ކިޔަން ވަޑައިގެންނަވަން ޖެހޭނީ ކެބިނެޓް މިނިސްޓަރެއް ކަމަށެވެ.



އާންމުގޮތެއްގައި އެ ފަންތީގެ ބޭފުޅަކު ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ ފޮރިން މިނިސްޓަރު ނުވަތަ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ ހުރިހާ ޒިންމާއެެއް ނަންގަވަނީ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީމެވެ.

ޝެއިހް ހަސީނާގެ މި ދަތުރުފުޅުގެ ރަސްމީ ބައްދަލުވުންތައް އޮންނާނީ މާދަމާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެކަމަނާއަށް ރަސްމީގޮތުން މަރުހަބާ ދެންނެވުމަށް ޖުމުހޫރީ މައިދާނުގައި މާދަމާ ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު