އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ މައްސަލައަށް ސަރުކާރުން ހައްލު ހޯދައިދިނުމަކީ ސަރުކާރުގެ މެނިފެސްޓޯގައި އިސްލާމީ ޝަހުޝިއްޔަތު ވަރުގަދަ ކުރުމަށާއި އިސްލާމީ ތައުލީމް ފެތުރުމުގެ އަމާޒަށް ވާސިލްވުމަށް މަގު ފަހިކޮށްދޭނެ ކަމެއް ކަމަށް ބުނެ އަދާލާތު ޕާޓީން ސަރުކާރުގެ ދީނީ ސިޔާސަތަށް ވަރަށް ބޮޑަށް ތަޢުރީފުކޮށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.

އަރަބިއްޔާ ހިންގާ ސްކޫލުގެ އިމާރާތް ހަލާކުވެ ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއްޒުއްދީން ސްކޫލު ހިންގާ އިމާރާތަށް އަރަބިއްޔާ ދަރިވަރުންގެ ކިޔެވުން ބަދަލު ކުރުމަށް ނިއްމާފައެެވެ. ނަމަވެސް، މިނިސްޓްރީގެ އެ ނިންމުމާ ހިތްހަމަނެޖެހި ސްކޫލުގެ ބެލެނިވެރިން ވަނީ މުޒާހަރާކޮށްފައެވެ.

އެންމެ ފަހުން ބެލެނިވެރިން ރައީސް ސޯލިޙާއި ބައްދަލުކުރުމުން ބެލެނިވެރިން އެދުނު ގޮތަށް އެމަނިކުފާނު ވަނީ އަރަބިއްޔާ ސުކޫލު ހިންގުމަށް ވަކިން އިމާރާތެއް ހަމަޖައްސައިދެއްވާފައެވެ. އެކަމާ ގުޅިގެން އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އަރަބިއްޔާއަށް ވަގުތީ ހައްލެއް ހޯއްދަވައިދެއްވާ، ރާއްޖޭގެ ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި ފުޅާކޮށްފައިނުވާ މިންވަރަށް އަރަބި އިސްލާމީ ތައުލީމުގެ ފުރުސަތު ދިވެހި އިސްލާމީ މުޖުތަމައުގައި ފުޅާކުރެއްވުމަށް ރައީސް ސާލިހް ނިންމެވި ނިންމެވުމަކީ، އެ ޕާޓީ އުފަލާއެކު މަރްހަބާ ކިޔާކަމެއް ކަމަށެވެ. އަދި، އެ ނިންމެވުމަކީ އިސްލާމް ދީނުގެ ނޫރު މަތިވެރިކުރެއްވުމަށާއި، އިސްލާމް ދީނުގެ ސައްހަ އަގީދާ ދިވެހިންގެ މެދުގައި ފެތުރުއްވުމަށާއި، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ހަރުދަނާކުރެއްވުމަށް އެމަނިކުފާނު ދެއްވާ ސަމާލުކަމާއި އަހަންމިއްޔަތުކަން ދޭހަވާކަމެއް ކަމަށް އަދާލަތުން ބުނެފައި ވެއެވެ.

މާލޭގައި ބިނާކުރެވޭ އަރަބިއްޔާގެ އިމާރާތުގެ އިތުރުން، އާބާދީ އިތުރުވަމުން އަންނަ ހުޅުމާލޭގައި އަރަބި އިސްލާމީ ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް އެމަދަރުސާގެ އިތުރު އިމާރާތެއް ބިނާކުރެއްވުމަށް ނިންމެވުމަކީ އަރަބިއްޔާއަށް ދިމާވެފައިވާ އުމްރާނީ ވަސީލަތްތައް މަދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ކަމެއް ކަމަށް ވެސް އަދާލަތުން ބުނެފައި ވެއެވެ. އަދި އެއީ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ގަޔާވާފަދަ ވެއްޓެއްގައި އަރަބި އިސްލާމީ ތައުލީމު އުނގެނެން ބޭނުންވާ ގިނަ ދަރިވަރުންތަކަކަށް އެ ފުރުސަތު ފަހިވެގެން ދާނެ ކަމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެެ.

މީގެއިތުރުން، ސަރުކާރުގެ މެނިފެސްޓޯގައި އިސްލާމީ ތައުލީމު ފަތުރަން ހިމެނުމަށް ބާރުއަޅައި ވަކާލާތުކުރި ޕާޓީއެއްގެ ހައިސިއްޔަތުން ރައީސްގެ ނިންމެވުން ތަންފީޒްކުރުމުގައި އެ ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް އަދާލަތުގެ ބަޔާނުގައިވެއެވެ. ސަރުކާރުން މިހާރު ވަނީ އަރަބިއްޔާ ސުކޫލު ވަގުތީ ގޮތުން ހިންގަން، ފޮރިން މިނިސްޓްރީ ހިންގި އިމާރާތް ދޭގޮތަށް ހަމަޖައްސާފައެެވެ. އެ އިމާރާތް އަރަބިއްޔާ ސުކޫލަށް ދެނީ ކްލާސްރޫމްތަކާއި ސުކޫލަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމު ކުރުމަށް ފަހު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު