އޮންލައިންކޮށް ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހެއްގައި ގާޒީއަށް ނޭނގޭގޮތަށް ފުލުހަކު ބައިވެރިވެ އިރުޝާދު ދިން މައްސަލައަކާއި ގުޅިގެން އެފަދަ ކަންކަން ތަކުރާރުނުކުރުމަށް އަންގައި ކްރިމިނަލް ކޯޓުން ފުލުހުންނަށް އިންޒާރު ދީފިއެވެ.

މިކަން ހިނގާފައިވަނީ ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބަންދު މަޖިލީހެއްގައެވެ. އިއްޔެ އޮތް އެ މަޖިލީހުގައި ސްކްރީނަށް ފެންނަ ގޮތަށް ފުލުހުންގެ އިންވެސްޓިގޭޓިވް އޮފިސަރެއް ބައިވެރިވަމުން ދިޔައެވެ. ނަމަވެސް އޭނާ ވާހަކަދައްކަވަމުން ދިޔައިރު އެހެން އޮފިސަރަކު ސްކްރީނަށް ނާރާ ގޮތަށް އެތަނުގައި ހުރެ ވާހަކަދައްކަމުންދިޔަކަން އެ މަޖިލީހުގައި އިންނެވި ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީއަށް ފާހަގަވެގެން ސުވާލުކުރެއްވިއެވެ.

ގާޒީގެ ސުވާލު ކުރިމަތިވުމުން ޝަރީއަތުގެ މަޖިލީހުގައި އިން ފުލުސް އޮފިސަރު ވަނީ އެހެން ފުލުސް އޮފިސަރެއް އެތަނުގައި ސްކްރީނަށް ނާރާ އިނދެ، އިރުޝާދުދެމުން ދިޔަކަމަށް އެއްބަސްވެފައެވެ.

އޭނާ އެހެން ބުނުމުން ގާޒީ ވަނީ އެތަނުގައި ސްކްރީނަށް ނުފެންނަ ގޮތަށްހުރި ފުލުސް މީހާ ސްކްރީނުން ފެންނަން އަމުރުކުރައްވާފައެވެ. އަދި ގާޒީ ވަނީ ޝަރީއަތުގެ ހުއްދަ ނެތި އެގޮތަށް ބައިވެރި ނުވެވޭނެކަން ނޭނގެނީތޯ ވިދާޅުވެ، ސުވާލުކުރައްވާފައެވެ.

ޖަވާބުގައި އެ ފުލުސް އޮފިސަރު ބުނީ ޝަރީއަތުގެ މަޖިލީހުގެ ސްކްރީނަށް ނާރާ ގޮތަށް އިނދެ، އިރުޝާދު ދިނީ މަނާކަމެއްކަން އެނގިހުރެކަމަށެވެ. އަދި އެގޮތަށް އަމަލުކުރީ ސްކްރީން ކުރިމަތީގައި އިން ފުލުސް އޮފިސަރަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށް އެ ފުލުސް އޮފިސަރު ބުންޏެވެ.

މިކަމާއި ގުޅިގެން ގާޒީ ވިދާޅުވީ މިއީ ފުލުހުންގެ ފަރާތުން ތަކުރާރުކޮށް ފެންނަމުންދާ އަމަލެއްކަމަށާއި، އިތުރަށް މިކަން ތަކުރާރުވެއްޖެނަމަ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ފުލުހުންނަށް ފިޔަވަޅު އަޅާނެކަމަށެވެ.

ފަހަކަށް އައިސް ފުލުހުންގެ ފަރާތުން އިޖުރާއަތުތަކާއި ހިލާފު ގިނަ އަމަލުތަކެއް ދަނީ ފެންނަމުންނެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ ކުށްވެރިން ދޫވެފައިވެސް އެބަހުއްޓެވެ. އެކަންކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ފާހަގަކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު