ކޯވިޑްގެ ހާލަތު ރަނގަޅުވުމުން ބަންގާޅަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވީޒާ ދޭން އެ ގައުމުން ނިންމައިފިއެވެ.

ބަންގާޅަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވީޒާ ދޭން އެ ގައުމުން ނިންމިކަން ހާމަކުރެއްވީ ރާއްޖެ ވަޑައިގެން މިހާރު އުޅުއްވާ ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭއްވި ރަސްމީ ވާހަކަފުޅުތަކަށްފަހު ދެޤައުމުގެ އިސްވެރިން އިއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި ވަނީ ބަންގްލަދޭޝް ނުވަތަ ބަންގާޅަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޫކުރުމާއި، އެޤައުމުގައި މަތީ ތަޢުލީމު ޙާސިލުކުރަމުންގެންދާ ދިވެހިންނަށް ދިގުމުއްދަތުގެ ސްޓޫޑަންޓް ވިސާ ދޫކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދެ ގައުމުގެ ވެރިން ދެއްވި ޖޮއިންޓް ސްޓޭޓްމަންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދެ ޤައުމުގެ އިސްވެރިން މިދިޔަ ކުރު މުއްދަތުގެ ތެރޭގައި ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ދެޤައުމުގެ ދެމެދު އުފެދިފައިވާ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަމަށެވެ. އަދި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމަކުން ތަރައްޤީވަމުން އަންނަ ޤައުމަކަށް ބަންގްލަދޭޝް ބަދަލުވެފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދު މިދަތުރުފުޅުގެ ތެރެއިން ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.

ރައީސް ސާލިހުގެ ވާހަކަފުޅުގައި ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ޒުވާނުންގެ ހުނަރު އިތުރުކުރުމަށާއި، ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއިން ދެޤައުމު ގުޅިގެން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ދެއްވި ބަޔާނުގައި ވިދާޅުވީ ދިވެހި ސަރުކާރުން އެދުނުގޮތަށް ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް ވީޒާ ލިބޭނެ އިންތިޒާމު އެޤައުމުން ހަމަޖައްސާނެކަމަށެވެ. އަދި ދެ ޤައުމުގެ މެދުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރެއިން ބަންގްލަދޭޝްގެ މަސައްކަތްތެރިން ރެގިއުލަރައިޒް ކުރުމަށް ރާއްޖެއިން ކުރިއަށްގެންދާ ޕްރޮގްރާމްގެ މުހިއްމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުންވެސް އަޑުއުފުލާ މުހިއްމު މައްސަލަތަކަށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ރޮހިންޔާ މުސްލިމުންގެ ހައްޤުގައި ވަކާލާތުކުރުން ފަދަ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް ދެޤައުމުން އެއްބަސްވެފައިވާކަން ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ޢިއުލާންކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު