އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމަކުން ތަރައްގީވަމުން އަންނަ ގައުމަކަށް ބަދަލުވާން ރާއްޖޭން ކުރި މަސައްކަތަކީ ބަންގްލަދޭޝަށް ލިބުނު ހިތްވަރެއް ކަމަށް ބޮޑުވަޒީރު ޝެއިހް ހަސީނާ މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަަޖިލީހުގައި ދެއްވި ތަގުރީރުގައެވެ.

ރައީސް ސޯލިހްގެ ދައުވަތަކަށްރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މަޖިލީހުގައި ދެއްވި ތަގުރީރުގައި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ ވިދާޅުވީ ތަރައްގީއަށް ބޭނުންވާ ވަސީލަތްތަކާއި ފުރުސަތުތައް ބަންގްލަދޭޝަށް އެބަ އޮތް ކަމަށާއި، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމަކުން ތަރައްގީވަމުން އަންނަ ގައުމަކަށް ބަދަލުވާން ރާއްޖޭން ކުރި މަސައްކަތަކީ ބަންގްލަދޭޝަށް ލިބުނު ހިތްވަރެއް ކަމަށެވެ.

ބަންގްލަދޭޝް ތަރައްގީކުރަން ކުރިއަށް އޮތް 50 އަހަރު ކުރާ މަސައްކަތުގައި ދިވެހި ސަރުކާރާއި ވިޔަފާރިވެރިން ބައިވެރިވާން ޝެއިހް ހަސީނާ ވަނީ އެދިވަޑައިގެންފައެވެ. ހަސީނާ ވިދާޅުވީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނީ، ވިޔަފާރި އާއި ދަތުރުފަތުރާއި މީހުންގެ ގުޅުން އިތުރުކޮށްގެން ކަމަށް ވަރުގަދައަށް ގަބޫލުކުރައްވާ ކަމަށެވެ.

ބަންގްލަދޭޝުން މިދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އިގުތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައިވާކަން ފާހަގަކުރައްވައި ހަސީނާ ވިދާޅުވީ އެ ގައުމުގެ ޖީޑީޕީ އެވްރެޖްކޮށް، ހަތް ޕަސެންޓަށް ވުރެ މަތިން ކުރިއަރަމުން އަންނަތާ އަހަރުތަކެއް ވެފައިވާ ކަމަަށެވެ. އެހެންނަމަވެސް ކޮވިޑާއި ގުޅިގެން ޖީޑީޕީ ދަށައް ގޮސްފައިވާ ކަމަށް ހަސީނާ ވިދާޅުވިއެވެ.



ބަންގްލަދޭޝަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ހަސީނާ ވިދާޅުވީ މިދިޔަ 10 އަހަރުގެ ތެރޭގައި ސޯޝޯ އިކޮނޮމިކް މިންގަނޑުތަކުން ވެސް ބަންގްލަދޭޝަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ. އެގޮތުން އަންހެނުން ބާރުވެރިކުރުވުމާއި ދަރިމައިވުމުގެ ސިއްހަތާއި ކުޑަކުދިންގެ ސިއްހަތުގެ ދާއިރާއައި ލައިފް އެކްސްޕެކްޓެންސީ އާއި އާބާދީ އިތުރުވާ މިންވަރު އޭގެ ތެރޭގައި ހިމެނޭ ކަމަށް ހަސީނާގެ ތަގުރީރުގައި ފާހަގަކުރެއްވިއެވެެ.



މީގެ އިތުރުން ސާފުބޯފެނާއި ނަރުދަމާގެ ހިދުމަތާއި ތައުލީމާއި ލިޔަންކިޔަން ދަތުމުގެ ދާއިރާއިން ވެސް ބަންގްލަދޭޝަށް ކުރިއެެރުން ލިބިފައިވާ ކަމަށް ހަސީނާ ވިދާޅުވިއެވެ. އަދި އެގައުމުގެ އަމާޒަކީ 2041 ވަނަ އަހަރު އަންނަ އިރު ތަރައްގީވެފައިވާ ގައުމަކަށް ވުން ކަމަށް ވެސް ހަސީނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު