އަހުމަދު މަސްނޫމް   24 ޑިސެމްބަރު 2021 - 5:14
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއަށް މިރޭ ދީފިއެވެ.

ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ ފަތުހީ އެކަނި ކަމަށެވެ. އެހެން ކަމުން އޭނާއަށް އެޕާޓީގެ ޓިކެޓް ދިނުމަށް ނިއްމައިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެކަން އެމްއެންޕީގެ އިތުރުން އެމްޑީޕީ ވަނީ އިއުލާންކޮށްފައެެވެ. ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ދީފައިވަނީ ށ. ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދަށެވެ.

ޕްރައިމަރީގައި ވާދަކުރަން ހުޅުވާލުމުން ފޯމް ހުށައަޅާފައިވަނީ އޭނާ އެކަންޏެެވެ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓް، ށ. ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސަށް ދިނުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ނަން ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ނިއްމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު