ބަންގުލަދޭޝްއާއި ރާއްޖެއާއި ދެމެދު އެއްބާރުލުންދެމުން އަންނަ ދާއިރާތަކުން ގުޅުންތައް އިތުރުކުރެވި، ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރު ކުރެވިދާނެ އައު ދާއިރާތައް ފާހަގަކުރެވިފައިވާކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންގެ ޝަރަފުގައި މިރޭ ބޭއްވި ރަސްމީ ޖާފަތުގައި ވާހަަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވަނީ ދެޤައުމުގެ މެދުގައި އޮންނަ ޒަމާންވީ ވިޔަފާރީގެ ގުޅުންތަކާއި ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހި އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި ދެ ޤައުމުގެ ސަރުކާރުގެ އިސްބޭފުޅުން ދެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއި އަދި ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެގޮތުން ކުރިންސުރެ ދެޤައުމުގެ ދެމެދު އެއްބާރުލުންދެމުން އަންނަ ދާއިރާތަކުން ގުޅުންތައް އިތުރުކުރެވި، ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރު ކުރެވިދާނެ އައު ދާއިރާތައް ފާހަގަކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.





ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްއާ ރާއްޖެއާ ދެމެދު އެއްބަސްވުންތައް ބަދަލުކުރެވުނު ދާއިރާތަކުގެ ތެރޭގައި މާލީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ހިމެނެއެވެ. ރައީސް ސޯލިހް ވިދާޅުވީ ދެ ޤައުމުގެ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށްވުރެ ދެޤައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުންތައް މާ ބަދަހިކަމަށާއި، ދެ ޤައުމުގެ ފަރުދުންގެ މެދުގައި އޮންނަ ބަދަހި ގުޅުމަކީ މުޅި މިސަރަޙައްދުގެ ޤައުމުތަކުން ވެސް ފާހަގަކޮށްލެވޭފަދަ އެކުވެރި ބަދަހި ގުޅުމެއްކަމަށެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ ބަންގާބަންދު ޝެއިޚް މުޖީބުއް ރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ އިޙުތިފާލުތަކުގައި ބައިވެރިވެ ވަޑައިގަތުމަށް މިއަހަރުގެ ކުރީކޮޅު އެމަނިކުފާނު ބަންގްލަދޭޝަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވަމުން ޝެއިޚް މުޖީބުއް ރަޙްމާނުފަދަ މި ސަރަޙައްދުގެ ތާރީޙުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު ލީޑަރެއްގެ ހަޔާތާއި ގުޅިފައިވާ ޚިދުމަތްތައް ފާހަގަކުރާ އެފަދަ އިޙްތިފާލެއްގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިކަމީ އެމަނިކުފާނަށް ވަރަށް ޚާއްޞަ ޝަރަފެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސް ވަނީ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެސް އެކަމަނާގެ ބައްޕާފުޅު ފަދައިން ޚިދުމަތުގެ މަގު އިޚްތިޔާރުކުރައްވައި ކުރިޔަށް ވަޑައިގަންނަވާތީ އެކަމަށްޓަކައި އެކަމަނާއަށް ތަޢުރީފުކުރައްވާފައެވެ.

މި ފުރަމާނަ ޖާފަތުގައި ބޮޑުވަޒީރު ޝައިޚް ހަސީނާ ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްއާއި ރާއްޖެއަކީ ދީނީ އަދި ޘަޤާފީ ގޮތުން ވަރަށް އެއްގޮތް ކަންތައްތަކެއް ޙިއްޞާކުރާ، އަދި ތަރައްޤީގެ މަގުގައި ވެސް ވަރަށް އެއްގޮތް ކަންތައްތަކެއް ޙިއްޞާކުރާ ދެޤައުމުކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޯވިޑް-19 ޕެންޑެމިކް ޙާލަތުގައި ދެޤައުމުގެ ދެމެދުގައި އޮތް ބަދަހިގުޅުން ނަމޫނާއަކަށް ބަލައިގެން ވިޔަފާރިއާއި، އިންވެސްޓްމަންޓްތަކާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހި ކުރެވިދާނެ ކަމަށް ހަސީނާ ވިދާޅުވިއެވެ.

ހަސީނާ ވިދާޅުވީ މި ސަރަހައްދުގެ ޤައުމުތަކުގެ އެންމެ ބޮޑު އަމާޒަކަށް ވާންޖެހޭނީ "ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީ" ކަމަށާއި އަދި ހުރިހާ ޤައުމެއްވެސް މައިގަނޑު ދުޝްމަނެއްގެ ގޮތުގައި އޮންނާނީ "ފަގީރުކަން" ކަމަށެވެ. އެގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ އެއްވެސް ފަރާތަކާ ރުޅިވެރިކަން ނުބާއްވައި ރަހުމަތްތެރިކަން އިސްކުރުމަށްކަން ފާހަގަކުރައްވައި އެކަމަނާ ވަނީ ފަގީރުކަމުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު