ރާއްޖޭގެ ބައެއް ފުޓްބޯޅަ ކްލަބްތަކުން ރާއްޖޭގެ މީޑިއާއެއް ބޮއިކޮޓްކުރުމާއި ގުޅިގެން އެފްއޭއެމުން އެކަން ބަލަން ފަށައިފިއެވެ.

ނޫހެއް ބޮއިކަޓްކުރި މައްސަލަ މީޑިއާއަށް އެނގުނީ ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރާ ކްލަބްތަކުން އިއްޔެ އޮތް އެ މުބާރާތުގެ ޕްރީ މެޗު ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކުރުމުންނެވެ. އަދި ރާއްޖޭގައި ނެރޭ "މިހާރު" ނަމަކަށް ކިޔާ ނޫހުން ބައިވެރިވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކްލަބްތަކުން ބައިވެރިނުވާނެ ކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގެ ބޮޑު ކްލަބަކުން ނޫސްވެރިންގެ ބައްދަލުވުން ބޮއިކަޓްކުރުމަށްފަހު ބުނީ ބޮއިކަޓް ކުރި ނޫހުން ފުޓްބޯޅައިގެ ރޫހާ ހިލާފަށް މައުލޫމާތު ފަތުރާތީއާއި ފުޓްބޯޅަ ކްލަބްތަކާ އެފްއޭއެމާ ޒާތީކޮށް މަސައްކަތްކުރާކަމަށެވެ.

ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރާ ކްލަބްތަކުގެ ތެރެއިން އިއްޔެ އޮތް އެ މުބާރާތުގެ ޕްރީ މެޗު ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން އެކަންޏެވެ.

ފުޓްބޯޅަ ކްލަބް ތަކަކުން މީޑިއާއެއް ބޮއިކަޓް ކުރުމާއި ގުޅިގެން އެފްއޭއެމުން ބުނީ މަދު ކްލަބެއް ނޫނީ ހުރިހާ ކްލަބްތަކުންވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިނުވާން ކޯޗުންނަށް އަންގާފައިވާ ކަމަށެވެ. އަދި ކްލަބްތަކުގެ އެ ނިންމުމާ ގުޅޭ ގޮތުން ކްލަބްތަކާ އެކު އެފްއޭއެމުން މަޝްވަރާކުރާނެ ކަމަށް އެފްއޭއެމުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމުން ވެސް ކްލަބްތަކުގެ ނިންމުމަށް "ޒާތަކަށް" ތާއީދުކުރެއެވެ. އެގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް ނިސްބަތްވާ ވެލެންސިއާއިންވެސް ވަނީ ނޫސްކޮންފަރެންސް ބޮއިކޮޓްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު