އެފްއޭއެމުން "ހާވާ ހަޑީގައި" ކްލަބްތައް ބޭނުންކުރަމަކީ ދެރަކަމެއްކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް މިހެން ވިދާޅުވީ ރާއްޖޭގެ ބައެއް ފުޓްބޯޅަ ކްލަބްތަކުން "މިހާރު" ނޫސް ބޮއިކޮޓްކުރުމާއި ގުޅިގެންނެވެ.

އަލީ އާޒިމް ވިދާޅުވީ ރާއްޖޭގެ މީޑިއާ ތަކާއި ދެކޮޅަށް ކްލަބްތައް ބޭނުންކޮށްގެން އެފްއޭއެމުން ހިންގާ ބޮއިކަޓް ކުރުމުގެ ކެމްޕެއިނަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެކަމުގައި ކްލަބްތައް ބޭނުންކުރުމަކީ ވަރަށް ދެރަ ކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކޮމިޝަނާރ އޮފް ސްޕޯޓްސް ނިދިން ހޭލައިގެން އެފްއޭއެމުން ހިންގާ ކަންކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި މީގެކުރިންވެސް އެފްއޭއެމްގެ ފަރާތުން މިފަދަ އަމަލުތައް ފެނިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

"ނެގެޓިވްކޮށް ލިޔަންޏާ އެފްއޭމްގެ އިވެންޓްތަކަށް ނުވައްދާނެ. ގަލޮޅު ދަނޑަށް ވަންނާކަށް ފާހެއް ނުދޭނެ. މިއީ މީގެ ކުރިން ކޮށްފައި ހުރި ކަންކަން" އެފްއޭއެމްގެ ރައީސްކަން ކުރެއްވި އާޒިމް ވިދާޅުވިއެވެ.

ނޫހެއް ބޮއިކަޓްކުރި މައްސަލަ މީޑިއާއަށް އެނގުނީ ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރާ ކްލަބްތަކުން އިއްޔެ އޮތް އެ މުބާރާތުގެ ޕްރީ މެޗު ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކުރުމުންނެވެ. އަދި ރާއްޖޭގައި ނެރޭ "މިހާރު" ނަމަކަށް ކިޔާ ނޫހުން ބައިވެރިވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކްލަބްތަކުން ބައިވެރިނުވާނެ ކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގެ ބޮޑު ކްލަބަކުން ނޫސްވެރިންގެ ބައްދަލުވުން ބޮއިކަޓްކުރުމަށްފަހު ބުނީ ބޮއިކޮޓް ކުރި ނޫހުން ފުޓްބޯޅައިގެ ރޫހާ ހިލާފަށް މައުލޫމާތު ފަތުރާތީއާއި ފުޓްބޯޅަ ކްލަބްތަކާ އެފްއޭއެމާ ޒާތީކޮށް މަސައްކަތްކުރާކަމަށެވެ.

މިމައްސަލަ ބަލާނެކަމަށް އެފްއޭއެމުން ބުންޏަސް އެފްއޭއެމުން ވެސް ކްލަބްތަކުގެ ނިންމުމަށް "ޒާތަކަށް" ތާއީދުކުރެއެވެ. އެގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް ނިސްބަތްވާ ވެލެންސިއާއިންވެސް ވަނީ ނޫސްކޮންފަރެންސް ބޮއިކޮޓްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު