ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް އިތުރު މުއްދަތެއް ބޭނުންވާ ކަމަށް ބުނެ ފްލެޓްތައް ކައިރީގައި މިއަދު މުޒާހަރާކޮށްފި އެވެ.

ހިޔާ ފްލެޓުތަައް ހިމެނޭ ސަރަހައްދުގައި މުޒާހަރާ ކޮށްފައިވަނީ އާންމުންގެ އެކުވެރި ގުޅުމުން އިސް ނަގައިގެންނެވެ. މި މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުން މިހާރު ހިޔާ ފުލެޓްގެ ފިނިޝިން ނިންމަން ދީފައިވާ ގްރޭސް ޕީރިއަޑް ހަމަވާއިރު އަދިވެސް ގިނަ ފްލެޓްތަކެއް ނުނިމި ހުރުމުން އެކަމަށް އިތުރު މުއްދަތެއް ދިނުމަށް ގޮވާލާފައެވެ.

މި މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ބުނީ ގްރޭސް ޕީރިއަޑުގެ ގޮތުގައި ދީފައިވާ މުއްދަތު ކުރު ކަމަށާއި، އެ މަސައްކަތްތައް އަދިވެސް ނުނިމި ހުއްޓާ އަންނަ މަހުން ފެށިގެން ކުލި ދައްކަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަަމަށެވެ.

"ސަރުކާރުގެ ކިތައް އިދާރާގައި ޓަކި ޖަހައިފިތޯ، ލާރި ނެތިގެން ނުވަދެވިފައި ލޯނު ނަގައިގެން ލޯނު ބަޔަކަށް ދިނީތީ އެމީހުން އެ ލާރިތަށް ކާލައިގެން ބޭރު ގައުމުތަކުގައި ޕާޓީކުރަނީ، އެއްކަހަލަ އާންމު މީހާއަށް ހެދޭނެ ގޮތެއް ނެތިފައި މިހާރު މި ވާގޮތުން ނުނިމި ހުރިތަނަށް ކުލި ދައްކަންޖެހޭ. މާލޭގައި ދިރިއުޅޭ ތަނަށް ކުލި ދައްކަންޖެހޭ އެއްކަލަ ލޯނަށް ވެސް ލާރި ދައްކަން އެބަޖެހޭ މިއީ ކޮންކަހަލަ ނިޒާމެއްތޯ." މުޒާހަރާގައި ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެެ.

މިއަދުގެ މުޒާހަރާގައި ހިޔާ ފުލެޓްގެ ކުލި ކުޑަކޮށްދިނުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލާފައެވެ. ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ނިންމަން ދިން ހަތަރު މަހުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވުމުން، މިހާރު އޮތް ގޮތުން އަންނަ މަހުން ފެށިގެން ކުލި ނަގާ ގޮތަށް ވަނީ ނިއްމާފައެވެ. އެޗްޑީސީން މިހާރު ވަނީ ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ސަރުކާރާއެކު މަޝްވަރާ ކުރަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު